އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސި ގޯނާ ކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މައުލުމާތު ލިބޭގޮތުގައި މިއީ އަންހެން މީހާ އަށް ޖިންނި އަވަލާފައި ހުރި ކަމަށްބުނެ ރުގްޔާ ކުރުމަށް ރަހީނު ކޮށް ބޮޑެތި އަނިޔާ ތަކެއްދީ ކުޑަ ކުއްޖާއަށް އެކި ދުވަސްތައް މަތިން ޖިންސީގޯނާ ކޮށްފައިވާ މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ދެމީހުންނެވެ.
މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ދީފައިނުވެއެވެ. އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލައެއް ގޮތުގައި ފުލުހުން ބަލާ މައްސަލަތަކަށް ވާތީ މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.