ޗައިނާ މިހާރު ވަނީ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ގޮންޖެހުމަށް އިތުރު އަޒުމަކާއި އިތުރު ހިތްވަރަކާއެކު ނިކުމެފައި ކަމަށް ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެއެވެ. އޭނާ ވަނީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ގުޅުންތައް އުފެއްދުމަށް ޑިޕްލޮމެސީ އާއި އިގުތިސާދީ ގުޅުންތައް އިތުރަށް ފުޅާކުރުމަށް ބާރު އަޅުއްވާފައެވެ.

މެޑްރިޑްގައި ބޭއްވި ނޭޓޯގެ ސަމިޓްގައި ދެއްވި ތަގުރީރެއްގައި އާޑާން ވަނީ ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް ހަނގރާމަ ފެށި މައްސަލަ ކުށްވެރި ކުރައްވައި، ބައިނަލްއަގްވާމީ ހަމަތަކާއި ގަވާއިދުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ދުނިޔޭގައި އާ ހަތިޔާރު އެއްކުރުމުގެ ރޭހެއް ނުބޭއްވުމަށްވސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އާޑެން ވަނީ ގައުމުތަކާއެކު ޑިޕްލޮމެޓިކް އެންގޭޖްމަންޓަށް ގޮވާލައްވަމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ކަމަށްވިއަސް އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ދެކޮޅަށް އަޑު އުފުލުމަށް ގޮވާ ލައްވާފައެވެ.

ނިއުޒީލެންޑަކީ ނޭޓޯގެ މެމްބަރެއް ނޫނެވެ. ނަމަވެސް، ނިއުޒީލެންޑަކީ ހުޅަނގުގެ ދިފާއީ އިއްތިހާދުގެ ބައިވެރިއެކެވެ. ނިއުޒީލެންޑުގެ ސިފައިން ނޭޓޯގެ އިސްނެގުމާއެކު ހިންގާ އޮޕަރޭޝަނަށް އެއްބާރުލުން ދެމުން ގެންދެއެވެ. އަދި ޔޫކްރެއިންގައި ހިންގާ އޮޕަރޭޝަންތަކަށް ނޭޓޯގެ ޓްރަސްޓް ފަންޑަށް ފާއިތުވި މަސްތަކުގައި ނިއުޒިލެންޑުން ވަނީ އެހީތެރިވެދީފައެވެ.

އާޑާން ވިދާޅުވީ އަސްކަރީ ބާރިވެރިކަމަށް އިސްކަން ދިނުމަށް ވުރެން ބޮޑަށް އިންޑޯ-ޕެސިފިކް ސަރަހައްދުގައި ގައުމުތަކުގެ ކެރިފޯރުންތެރިކަން އިތުރުކުރަން ޖެހޭނީ ގުޅުންތައް ވަރުގަދަ ކުރުމާއެކު އިގުތިސާދީ ގިއުގަނޑެއްގެ ތެރެއިން ކަމަށެވެ.

ނިއުޒިލެންޑަކީ ޗައިނާއިން ދެކުނު ޕެސިފިކްގައި ބާރުގަދަ ކުރުމަށް މަސައްކަތް ކުރުމުން އެކަމާ ދެކޮޅަށް ނުތަނަވަސްވެފައިވާ ގައުމެކެވެ.

ޗައިނާއިން މި ސަރަހައްދުގައި ބާރުގަދަ ކުރުމުން ނިއުޒީލެންޑުން ވަނީ ފަހަކަށް އައިސް އެ ގައުމުގެ ސަލާމަތީ ކަންކަންވެސް ވަރުގަދަކޮށްފަ އެވެ.