ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށް އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލު އައްޔަން ކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާޒީ އަހުމަދު ޝަކީލު ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް އައްޔަންކޮށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ޖޭއެސްސީގައި ބާއްވާފައިވާ ކަމަށެވެ. މަގާމުގެ ފަތްކޮޅު އެރުވީ ޖޭއެސްސީގެ ރައީސް ހުސާން ހުސައިންއެވެ.

އަޙްމަދު ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ކުރިން މަސައްކަތްކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލް ކޯޓާއި، ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ކްރިމިނަލް ކޯޓު ހިމެނެއެވެ.

މީގެ އިތުރުން ގާޒީ އަހުމަދު ޝަކީލު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފްޝަރީޢާ އަދި ޝަރީޢާ އިން މާސްޓަރސް ހާޞިލް ކުރައްވާފައެވެ.