ޕާކިސްތާންގައި އުޅޭ ޗައިނާ މީހުންގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޗައިނާގެ އަމިއްލަ ސެކިއުރިޓީ ކުންފުންޏެއް ޕާކިސްތާނުގައި ހަރަކާތްތެރިވުމުގެ ހުއްދަ ބެއިޖިންގއިން އެދުމުން އެކަމަށް އިސްލާމްއާބާދުން ވަނީ ދެކޮޅު ހަދާފައެވެ. މިކަމާ ގުޅޭ މީޑިއާ ރިޕޯޓްތައް އާންމުވި ނަމަވެސް ޗައިނާއިން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ޗައިނާގެ ޚާރިޖީ ވުޒާރާގެ އެދުމަށް އިޖާބަ ނުދޭން ވަނީ ނިންމާފައެވެ.
ޗައިނާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ކުންފުންޏަކަށް ޕާކިސްތާނުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ބެއިޖިންގއިން މިމަހު އެދުމުން ޕާކިސްތާނުން ބުނެފައި ވަނީ އެގައުމުގެ ސަލާމަތީ ބާރުތަކަށް ޕާކިސްތާނުގައި ތިބި ޗައިނާގެ ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށެވެ.
ޖަޕާނުގެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާއިން ބޭނުންވަނީ އެގައުމުގެ ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް ޕާކިސްތާންގައި އަމިއްލަ ސެކިއުރިޓީ ކުންފުންޏެއް އޮޕަރޭޓް ކުރާށެވެ.
ޕާކިސްތާނުގައި ޗައިނާ ރައްޔިތުންނާ ދެކޮޅަށް ފަހަކަށް އައިސް ދެމުންދާ ހަމަލާތައް ގިނަވެފައި ވުމުން އިސްލާމްއާބާދަށް ޕްރެޝަރތައް ބޮޑުވެފައި ވެއެވެ.
ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް)އަކީ ޗައިނާއިން ހިންގާ 60 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. ބަލޯޗް ލިބަރޭޝަން އާމީން ގެންދަނީ ޗައިނާ ކުންފުނިތަކާއި ޗައިނާގެ މަސްލަހަތުތަކާއި ޗައިނާ މީހުންނަށް ހަމަލަ ދެމުންނެވެ. އޭގެ އިތުރުން ތާލިބާން ޖަމާއަތުންވެސް ވަނީ ޕާކިސްތާންގައި ތިބޭ ޗައިނާ އިންޖިނިއަރުންނަށް ހަމަލަތައް ދީފައެވެ.