ކިޔަވައި ދިނުމުގައި އާއި ދިރާސާ ކުރުމުގައި، ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގަ ދީގެން ނުވާނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްދެއްވާ، އެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރެއްގެ ހައިސިއްޔަތުން ޔުނިވަރސިޓީގެ ހުރިހާ ހިންގުންތެރިންނަށް މެސެޖެއް ދޭން އެދޭ ކަމަށެވެ.

އެގޮތުން ފުރަތަމަ އިލްތިމާސްއަކީ ކިޔަވައި ދިނުމާއި ދިރާސާ ކުރުމުގައި، ފެންވަރު ދައްވާ ފަދަ ނުވަތަ ފެންވަރާއި މެދު ބަޔަކު ސުވާލު އުފައްދާ ފަދަ ޖާގައެއް ނުދެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަކިކަހަލަ ވަޒީފާ ތަމްރީނަކާއި ހުނަރުތަކެއް ހާސިލުކޮށްގެން ވަޒީފާގެ ބާޒާރަށް ނިކުމެވޭނެ ފަދަ ލައިސެންސެއް ހޯދަން އެދޭނަމަ، އެ ލައިސެންސް ދޫކުރާ ވުޒާރާއެއްގެ މަޝްވަރާގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށެވެ.

މީގެ އިތުރުން އެއްބައިވަންތަކަމާއި ބަދަހިކަމާ އެކު މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން ގައުމުގައި ބައިބައި ވުމާއި ފަސާދަ އުފެދޭނެ އެއްވެސް ކަމަކަށް އެމްއެންޔޫއިން ޖާގަ ނުދިނުމަށް ގޮވައިލެއްވިއެވެ. އަދި ސިޔާސީ ފަރާތްތަކުން ސިޔާސަތުގެ ކަންކަން ނިންމާއިރު ފަންނީ މީހުންގެ ދިރާސާތަކުގެ އަލީގައި ކަންކަން ނިންމުމަކީ މިނިސްޓަރުގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.