އެސްޓީއޯއާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ރާއްޖެއަށް ކޮންޓެއިނަރ ވެސަލްއެއް ގެނައުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު މުޙައްމަދު ރަޝާދެވެ. އެ ކުންފުނީގެ ދަށުން ހިންގާ އެމްއެސްއެސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ސަޢީދެވެ.

މިއީ އެމްއެސްއެސް އިން ރާއްޖެއަށް ގެންނަ ތިންވަނަ ބޯޓެވެ. މި ބޯޓު ދަތުރުކުރާނީ ސިންގަޕޫރު، މެލޭޝިއާ އަދި ތައިލެންޑަށް ކަމަށް މި ރަސްމިއްޔާތުގައި ޢަމްރު ވިދާޅުވިއެވެ. އެސްޓީއޯ ހެޑުއޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ބޯޓު ގަތުމުގެ މުއާމަލާތާ ބެހޭގޮތުން ވެސް މަޢުލޫމާތު ހިއްސާ ކުރައްވައިފިއެވެ. އެއީ ތަފާތުކޮށް ހިނގާ މުއާމަލާތެއް ކަމަށާއި ވަކި އެކައުންޓެއްގައި ފައިސާ ބެހެއްޓުމަށްފަހު އެއްބަސްވުމުގައި ސޮއިކުރުމާއެކު ފައިސާ ވެސް ޓްރާންސްފަރ ވާނޭ ކަމަށް ވިދާޅުވިއެވެ. އެއާއެކު ބޯޓުވެސް އަންނާނޭ ކަމަށް ވިދާޅުވިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެންނަ ބޯޓުގައި 420 ކޮންޓެއިނަރ އުފުލެއެވެ. އަދި ލޯޑު ނުކޮށްހުރި 680 ކޮންޓެއިނަރ އުފުލޭނެއެވެ.

"އެމްއެސްއެސް ގްރެފީން" ގެ ނަންދީފައިވާ މިބޯޓުގައި މުދާއުފަލަން ފަށާނީ އަންނަ އޮގަސްޓު މަސްތެރޭގައެވެ.