ރާއްޖޭގެ އެކި ހިސާބަށް ވަރަށް ބޮޑަށް އުދައަރާ، ގިނަ ރަށްތަކެއްގައި ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް، އެމް.އެން.ޑީ.އެފް އާއި އެން.ޑީ.އެމް.އޭ މެދުވެރިކޮށް އެޅުމަށް ޕީޕީއެމުން ސަރުކާރަށް ގޮވާލައިފިިއެވެ.

އެޕާޓީން ބުނެފައިވަނީ އުުދަރަމުންދާ ރަށްރަށަށް ބޮޑެތި ގެއްލުން ވަމުންދާ ކަމުގެ މައުލޫމާތު އެފަދަ ރަށްރަށުން އެޕާޓީއަށް ދީފައިވާ ކަމަށެވެ. އެހެން ކަމުން ވީހާވެސް އަވަހަކަށް އެރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެއެވެ.

"އައްޑޫ ސިޓީ އާއި ބައެއް އަތޮޅުތަކުގައި ގިނަ ރައްޔިތުންތަކެއްގެ ގެދޮރާއި މުދަލަށް ލިބެމުންދާ ގެއްލުމުގައި ކަމާބެހޭ މުޢައްސަސާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިންމެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފިޔަވަޅުއެޅުން ލަސްނުކުރުމަށާއި، މިކަމުގައި ގެއްލުންލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން މިދަނޑިވަޅުގައި ހަނދާންކޮށްދެމެވެ." އެބަޔާނުގައި ވެއެވެ.

އެޕާޓީން ބުނެފައިވަނީ މިފަދަ ކަންކަމުގައި ވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ފިޔަވަޅު އެޅިފައިހުރީ ވަގުތު ފާއިތުވުމަށް ފަހުގައި ކަމަށެވެ. އެހެން ކަމުން "ސަރުކާރުގެ ހިންގުމުގައި ހުރި މިފަދަ އުނިކަންތައްތައް ޙައްލުކޮށް، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ވަގުތުން އެތަންތަނަށް ކަމާބެހޭ ފަރާތްތައް ފޮނުވައިގެން ޙާލަތު ބެލުމާއި އެކު، ރައްކާތެރިކަމުގެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރަމެވެ." ޕީޕީއެމުން ބުނެފައިވެއެވެ.