އިމްރާން ޚާންގެ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ޕާޓީތަކުން އެއްގަލަކަށް އަރައިފިއެއެވެ. އާދީއްތަ ދުވަހު ބޭއްވ ބައްދަލުމުގައި އިދިކޮޅު ޕާޓީތަކުން ވަނީ 26 ޕޮއިންޓްގެ ޕްލޭނެއް ރާވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އާއި ޕާކިސްތާން މުސްލިމް ލީގް ނަވާޒްއާއި ޖަމްއިއްޔަތު އުލަމާއޭ އިސްލާމް ފަޟްލްއެވެ.

އިދިކޮޅު ފަރާތްތަކުގެ މި ބައްދަލުވުން އިންތިޒާމުކުރެއްވީ ޕީޕީޕީގެ ރައީސް ބިލާވަލް ބުއްޓޫ ޒަރްދާރީއެވެ.

މި ބައްދަލުކުރެއްވުމުގައި ވީޑިއޯ މެދުވެރިކޮށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ ބައިވެރިންނާ މުޚާތަބު ކުރައްވާފައެވެ. ނަވާޒް ޝަރީފް ހުންނެވީ ބޭސްކޮޅަކަށް ލަންޑަނަށް ވަޑައިގެންނެވެ.

ނަވާޒް ޝަރީފްގެ ވާހަކަފުޅުގައި ސިފައިންނަށް ގޮވާލެއްވީ ސިޔާސީ ކަންކަމުގައި ނުބެހި ދުރުގައި ތިބުމަށެވެ. އަދި ގާނޫނުއަސާސީއާއި ގައުމުގެ ބާނީ މުހައްމަދު އަލީ ޖިނާހްގެ ވިޜަންއަށް އިޙުތިރާމް ކުރުމަށެވެ.

ކޮރަޕްޝަންގެ މައްސަލާގައި ނަވާޒް ޝޥަރީފް ހައްޔަރުކޮށްގެން ޕާކިސްތާނަށް ގެނައުމަށް ޕާކިސްތާނު ކޯޓަކުން ވަނީ އަމުރު ވެރެފައެވެ.

ނަވާޒް ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވީ، އިދިކޮޅުން ނިކުމެ މިތިބީ އިމްރާން ޚާނާ ދެކޮޅަކަށް ނޫނެވެ. ނަމަވެސް 2018ގެ އިންތިޚާބު ގަޑުބަޑުކޮށް އިމްރާން ޚާން އެ މަގާމުގައި އިންދި މީހުންނާ ދެކޮޅަށެވެ. ނުސީދާ ގޮތަކަށް ސިފައިންނަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.

ޕާކިސްތާންގެ ހަމަޖެހުމާއި މުއައްސަސާތައް ދެމި އޮތުމުގައިވެސް ސިފައިން ދާޚިލީ ކަންކަމުގައި ބެހެމުންދާތީ ބޮޑެތި ސުއާލުތައް އުފެދޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް ނިންމާފައެވެ. އޮކްޓޯބަރުގައި ފަށާ މި އިހްތިޖާޖުތައް ނިންމާލާނީ ޖެނުއަރީ މަހު އިސްލާމްއާބާދުގައެވެ.

ނަވާޒް ޝަރީފް ވިދާޅުވީ ޕާކިސްތާން ސިފައިންނަކީ ސަރުކާރަށް ވުރެން މަތީގައި ތިބޭ ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ވަކިން އޮންނަ ބޮޑު ސަރުކާރެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.