މުޅި އޭޝިޔާއަށް ބަލާއިރު، ރިޝްވަތު ދިނުމުގެ ރޭޓު އެންމެމަތީ ގައުމަކީ އިންޑިއާ ކަމަށް، ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ހެދި ސާވޭއަކުން ދައްކައިފިއެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ހެދި "ގްލޯބަލް ކޮރަޕްޝަން ބަރޯމީޓަރ-އޭޝިޔާ" ސާވޭގެ ނަތީޖާ އާންމުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ޓްރާންސްޕޭރެންސީ ސާވޭއިން އޭޝިޔާއިން ރިޝްތުދިނުމުގެ ރޭޓު އެންމެމަތީ ގައުމަކީ އިންޑިއާ ކަމަށް ދައްކާފައި ވުމުގެ އިތުރުން، އާންމު ޚިދުމަތްތައް ހޯދުމަށް މީސްމީހުން ޒާތީ ގުޅުންތައް ބާއްވާ ރޭޓު އެންމެމަތީ ގައުމަކީވެސް އިންޑިއާ ކަމަށް ސާވޭއިން ދައްކާފައި ވެއެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ސާވޭގައި ހިމަނާފައިވާ ގައުމުތަކަކީ؛ އިންޑޮނޭޝިޔާ، ޓައިވާން، ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ތައިލެންޑް، ފިލިޕީންސް، ޖަޕާން، ނޭޕާލް، މެލޭޝިޔާ، ބަނގްލަދޭޝް، މޮންގޯލިއާ، ޗައިނާ، ދެކުނު ކޮރެއާ، މިޔަންމާ، ކެމްބޯޑިއާ އަދި ވިއެޓްނާމެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއްކަމަކީ، އިންޑިއާގައި މީހުން ސަރުކާރުގެ ތެރެއިން ޚިދުމަތް ހޯދުމަށް ދަންނަ ރަހްމަތްތެރިންގެ ބޭނުން ހިފައި އަދި ކޮރަޕްޝަންގެ އަމަލުތައް ހިންގަން މަޖުބޫރު ކުރުވަނީ، ޚިދުމަތްތައް ލަސްވުމާއި، ނިޒާމުތައް ދޯދިޔާވުމުން ކަމަށެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް ސާވޭ ރިޕޯޓްގައި ބުނެފައިވަނީ، އިންޑިއާގެ ރިޝްވަތުގެ ރޭޓު އުޅެނީ %39 ގައި ކަމަށެވެ. ދަންނަ މީހުން މެދުވެރިކޮށް ޚިދުމަތް ހޯދާ މީހުންގެ ރޭޓަކީ %46 ކަމަށެވެ.
ސާވޭގައި ސުވާލު ކުރެވުނު އިންޑިއާ މީހުންގެ %50 މީހުން ބުނެފައިވަނީ، އެމީހުން ރިޝްވަތުދޭ ކަމަށާއި، ރިޝްވަތުދެނީ، ޚިދުމަތްތައްދޭ ފަރާތްތަކުން ރިޝްވަތުދޭން ބުނުމުން ކަމަށެވެ.
32% މީހުން ބުނެފައިވަނީ، އެމީހުން ޚިދުމަތްތައް ހޯދުމަށް ބޭނުންކުރަނީ މީހުންނާ އޮންނަ ގުޅުންތައް ކަމަށާއި، ސަބަބަކީ އެ ގުޅުންތައް ނެތްނަމަ އެގޮތަށް ޚިދުމަތް ނުލިބޭނެތީ ކަމަށެވެ.
މި ސާވޭގެ މައްޗަށް ބިނާކޮށް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން އިންޑިއާ ސަރުކާރަށް ރެކޮމެންޑް ކޮށްފައިވަނީ، އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ސްޓްރީމްލައިން ކުރަންޖެހޭ ކަމަށެވެ. ރިޝްވަތު ދިނުމާއި، މަގާމުގެ ނާޖާއިޒް ބޭނުންކުރުން ހުއްޓުވަން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
ހަމަ އެއާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ އާންމު މުހިންމު ޚިދުމަތްތައް އެންމެ ފުރިހަމައަށް އަދި އެންމެ ރަނގަޅަށް ދިނުމަށްޓަކައި އޮންލައިން ޕްލެޓްފޯމްތައް ގާއިމްކުރަން ސަރުކާރުން އިންވެސްޓްކުރަންޖެހޭ ކަމަށްވެސް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ބުނެފައި ވެއެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ސާވޭގައި އޭޝިޔާގެ 17 ގައުމެއްގެ އާންމުންނާ ސުވާލުކޮށްފައި ވާއިރު، ސުވާލުކުރެވުނު ކޮންމެ 3 މީހަކުން އެކަކު ބުނެފައިވަނީ، ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންއަކީ އެގައުމަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަ ކަމަށެވެ.