މިސްރުގެ ތަރި މުހައްމަދު ސަލާހް، 2025 ވަނަަ އަހަރުގެ ނިޔަލަށް ލިވަޕޫލްގައި މަޑު ކުރުމަށް ނިންމައި އިއްޔެ ކޮންޓްރެކްޓް އާކޮށްފިއެވެ.
ސަލާހަށް އައު ކޮންޓްރެކްޓް ދަށުން މުސާރައިގެ ގޮތުގައި ހަފްތާއަކު ތިންލައްކަ ފަންސާސްހާސް ޕައުންޑް ޕައުންޑް ލިބޭނެއެވެ. މިއާއެކު ޕްރިމިއަރ ލީގުގައި އެންމެ ބޮޑެތި މުސާރަ ލިބޭ ކުޅުންތެރިންގެ ލިސްޓަށް ސަލާހް މިވަނީ އަރައިފައެވެ.
ލިވަޕޫލްގެ ކޮންޓްރެކްޓް ސަލާހް އާކޮށްފައި މިވަނީ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ދިގު ލައިގެން ގޮސް ކްލަބު ދޫކޮށް އޭނާ ދިޔުމުގެ ފުރުސަތު ބޮޑު ވެގެންދާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ. ލިވަޕޫލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއަރ ލީގް ކާމިޔާބު ކޮށްފައިވާ ސަލާހް ކްލަބުގެ ކޮންޓްރެޓް އާކުރުމުން ކޯޗް ޔާގެން ކްލޮޕް ބުނީ ލިވަޕޫލްއަކީ މިހާރު "ސަލާހްގެ ލިވަޕޫލް" ކަމަށް ބުނެފައެވެ.
ލިވަޕޫލްގެ ކޮންޓްރެކްޓް ސަލާހް އާކުރިއިރު އޭނާއާއެކު ފާއިތުވެދިޔަ 5 އަހަރު ލިވަޕޫލްގެ ފޯވާޑް ލައިނުގައި މުހިއްމު ދައުރެއް އަދާކުރި ސެނަގާލްގެ ތަރި ސާޑިއޯ މާނޭ ވަނީ ލިވަޕޫލް ދޫކޮށް ޖަރުމަނުގެ ވަރުގަދަ ބާރު ބަޔާން މިޔުނިކަށް މިހާރު ހިނގަމުން މިދާ ޓްރާންސްފާ މާކެޓުގައި ބަދަލުވެފައެވެ. ބަޔާން މިޔުނިކުން މާނޭއަށް ދިނުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު 250،000 ޕައުންޑުގެ މުސާރައެކެވެ. ލިވަޕޫލްއިން އޭނާއަށް ދެމުންދިޔައީ ހަފްތާއަކަށް 150،000 ޕައުންޑުގެ މުސާރައެކެވެ. ލިވަޕޫލްގެ ކުޅުންތެރިންނަށް ބަލާއިރު މިއީ ވަރަށް ދަށް މުސާރައެކެވެ. ލިވަޕޫލް ދޫކޮށްލަން މާނޭ ނިންމީ އޭނާގެ މުސާރަ ބޮޑު ކުރުމަށް ލިވަޕޫލްއިން އެއްބަސް ނުވުމުންނެވެ.