ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ނޭޝަނަލް ކޮންގްރެސްގެ ކުރިން، ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ވަނީ ކުށްކުރުން މަދުކުރުމަށް 100 ދުވަހުގެ ޕްރޮގްރާމެއް ފަށާފައެވެ.ކޮމިއުނިސްޓް ޕާޓީގެ ނެޝަނަލް ކޮންގްރެސް އޮންނާނީ މިއަހަރުގެ ފަހުކޮޅުގައެވެ. މި ކޮންގްރެސްއަކީ ޕާޓީގެ ލީޑަޝިޕަށް ބަދަލުތަކެއް އަންނާނެ ކޮންގްރެސްއެކެވެ.

ޗައިނާގައި ކުށް މަދުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށަން ނިންމީ، ރައީސް ޝީ ޖިންޕިންގެ ގާތް އެކުވެރިއެއް ކަމަށްވާ ވަންގް ޝިއާއޮހޮންގް، ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީގެ އާ ވަޒީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ޗައިނާ ޑެއިލީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މި ދުވަސްވަރު މިފިޔަވަޅު އެޅުމަކީ މުހިންމު ކަމެއްކަމަށް ޗައިނާއިން ދެކެއެވެ.

ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ވަނީ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލް ދަރިވަރުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި އެ ގިންތީގެ އެއްވެސް ފަރާތަކާ ދެކޮޅަށް ޖަރީމާއެއް ހިންގައިފިނަމަ، އެ ކުށަކާ މެދު ވަގުތުން އަވަސް ފިޔަވަޅު އެޅުމަށްވެސް ސަލާމަތީ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ގޭންގު ތަކާ ގުޅުން ހުރި ކުށްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި އެފަދަ ކަންކަމާ ދެކޮޅަށް ޒީރޯ ޓޮލަރެންސްގެ އުސޫލުން ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

ސަލާމަތީ ކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ދަށުން މަގުމަތީގައި ނުވަތަ އާންމު ތަންތާނގައި ފުލުހުން ތިބޭ މިންވަރު އިތުރު ކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްތ ކުރުމަށްވެސް ޕަބްލިކް ސޭފްޓީ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ހޫނު މޫސުމުގައި ސަލާމަތީ ގޮތުން ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ރޭގަނޑު ޕެޓްރޯލް ކުރުން އިތުރުކޮށް، ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ފަދަ ގޮންޖެހުމަކާ ކުރިމަލއި، ނުރައްކާ ނައްތާލުމަށް ގޮވާތަކެތީގެ މާއްދާތައް މެނޭޖްކުރުމާއި ކޮންޓްރޯލް ކުރުން ހަރުދަނާ ކުރަން ޖެހޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.