ރަޝިޔާއިން އިންޑިއާއަށް ފަސޭހައިން މުދާ އުފުލުމަށް އިންޑިއާއިން އިސްވެ އޮވެގެން ބިނާ ކޮށްފައިވާ އިންޓަރނޭޝަނަލް ނޯތު ސައުތު ޓްރާންސްޕޯޓް ކޮރިޑޯ މެދުވެރިކޮށް ރަޝިޔާއާއި އިންޑިއާ ގުޅުވައި ދޭނެކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ނޯތު ސައުތު ޓްރާންސްޕޯޓް ކޮރިޑޯއަކީ އިރުމަތީ ޔޫރަޕުން އެއްގަމު މަގުން އީރާންގެ ބަންދަރު އައްބާސާ ހަމައަށް މުދާ އުފުލުމަށް ހަދާފައި އޮންނަ ކޮރިޑޯއެކެވެ. އެއްގަމުން ބަންދަރު އައްބާސަށް މުދާއައުމުން އެ މުދާ ކަނޑުމަގުން މުމްބާއީއަށް އުފުލެއެވެ. މި ރޫޓް ބޭނުން ކުރުމުގެ ސަބަބުން ގިނަ ވަގުތެއް ސަލާމަތް ވެއެވެ. މެދުތެރޭ އޭޝިޔާއާއި އީރާނުގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި، 6 ވަނަ ކެސްޕިއަން ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ސަމިޓްގައި ތަޤްރީރު ކުރައްވަމުން ޕޫޓިން ވަނީ، ވީ އެންމެ އަވަސް ގޮތަކަށް އިންޑިއާއާއި ރަޝިޔާއާ ގުޅުވައިދޭން އިންޓަރނޭޝަނަލް ނޯތު ސައުތު ޓްރާންސްޕޯޓް ކޮރިޑޯ ބޭނުން ކުރުމަށް ބާރުއަޅުއްވާފައެވެ.

އިންޓަރނޭޝަނަލް ނޯތު ސައުތު ޓްރާންސްޕޯޓް ކޮރިޑޯ އަކީ ރަޝިޔާއިން އީރާގެ އައްސޭރި ފަށަށް އޮންނަ 7200 ކިލޯމީޓަރުގެ ދިގު ރާސްތާއެކެވެ. ޕޫޓިން ސިފަކުރެއްވި ގޮތުގައި މި މަޝްރޫއަކީ ރަޝިޔާގެ ސެއިންޓް ޕީޓަރސްބަރގުން އީރާނާއި އިންޑިއާގެ ބަނދަރުތަކަށް ދަމާލެވިފައި އޮންނަ ލޭނާރެއްގެ ގޮތުގައެވެ.