ޕާކިސްތާންގެ ސިފައިންގެ ވެރިޔާ ޖެނެރަލް ޤަމަރު ބަޖްވާ މިމަހު ފަރަންސޭސިވިލާތުގެ ޕެރިހަށް ވަޑައިގެންނެވި ދަތުރު ސިއްރު ކުރެއްވި ސަބަބާ މެދު މީޑިއާއިން ފާޑު ކިޔުން އަމާޒުކޮށްފިއެވެ.

ބާޖުވާ ޕެރިހަށް ވަޑައިގަތީ، 13 ޖޫން އިން 17 ޖޫން އަށް ޔޫރޯ އޑިފެންސް އެންޑް ސެކިއުރިޓީ އެގްޒިބިޝަންގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މި ދަތުރުފުޅާ ބެހޭ ވާހަކަތައް ޕާކިސްތާން މީޑިއާއިންވެސް ރިޕޯޓް ކޮށްފައެއް ނުވެއެވެ. އަދި ޕާކިސްތާނުގެ އަސްކަރީ މީޑިއާއިންވެސް މި ކަމާ ބެހޭ މައުލޫމާތެއް ދީފައެއް ނުވެއެވެ. މިދަތުރުފުޅުގައި އޭނާ ބޭއްވި ބައްދަލުވުންތަކުގެ ވާހަކައެއް ވެސް މީޑިއާއަށް ދީފައެއް ނުވެއެވެ.

ބާޖުވާގެ މިދަތުރުފުޅަކީ ފަރަންސޭސިންނާއި ޕާކިސްތާނާ ދެމެދު ގާތް ގުޅުމެއް އޮތް މޫސުމެއްގައި ކުރައްވާފައިވާ ދަތުރުފުޅެއް ނޫނެވެ. އެހެންވެ، ރަސްމީ ފަރިއްކޮޅުތަކުގައި ވެސް ބައިވެރިވެ ވަޑައިގެންފައި ނުވާކަމަށް މީޑިއާއިން ބުނެއެވެ.

ޕާކިސްތާނު އެމްބަސީގެ މަސްދަރުތަކުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި އެ ގައުމުގެ އެމްބަސީވެސް މިދަތުރުފުޅުގައި ބައިވެރިކޮށްފައެއް ނުވެއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކާޓޫނުތަކުގެ މައްސަލާގައި އުފެދުނު މުޒާހަރާތަކާ ގުޅިގެން ޕާކިސްތާނުން އެމްބެސެޑަރު ގެންދިޔަ ފަހުން ޕެރިހުގައި ޕާކިސްތާންގެ އެމްބެސެޑަރެއް އަދިވެސް ނެތެވެ.

މީޑިއާއިން ލަފާ ކޮށްފައިވާ ގޮތިގައި ޕާކިސްތާން ސިފައިންނާއި ސަރުކާރުން މި ދަތުރުފުޅުގެ ވާހަކަ ސިއްރުކޮށްފައި ވަނީ ޕާކިސްތާންގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ބްރޭލުވީ މުސްލިމު ޖަމާއަތިގެ ލައްބައިކަ ޔާރަސޫލުﷲ ޕާޓީން ނުރުހިދާނެތީ ކަމަށް ބެލެވެއެވެ.

ތަހުރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ހެދުމަށް ޕާކިސްތާންގެ މަދަނީ ލީޑާޝިޕުން ކުރި މަސައްކަތް ނާކާމިޔާބުވެ، ފާއިތުވެދިޔަ އަހަރުތަކުގައި ޓީއެލްޕީގެ މަގުބޫލުކަން ވަނީ އިތުރުވެގެން ގޮސްފައެވެ. އަދި އެޕާޓީން ވަނީ ޕާލަމެންޓްގެ ގޮނޑިތައް ކާމިޔާބުކޮށް އިންތިޚާބީ ބާރަކަށްވެސް ވެފައެވެ.