ޕާކިސްތާނަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެފައި އޮތުމުގެ ސަބަބުން އަފްޣާނިސްތާނުން ކޯލާ ދެލި އެތެރެ ކުރުން ސަރުކާރުން ހުއްދަ ކޮށްފިއެވެ. އެއާއެކު ތާލިބާނުން ވަނީ ކޯލާ ދެލީގެ އަގު 30 ޕަސަންޓަށް ބޮޑު ކޮށްފައެވެ. އަފްޣާނިސްތާނުގެ މާލީ ވުޒާރާއިން އެގޮތަށް ނިންމާފައި ވަނީ ދުނިޔޭގެ ބާޒާރުތަކުގައި ކޯލާ ދެލީގެ އަގު އުފުލިފައިވާތީއެވެ. މިހާރު ކޮންމެ ޓަނަކަށް 90 ޑޮލަރުން 200 ޑޮލަރަށް ކޯލާ ދެލީގެ އަގު ވަނީ ބޮޑު ވެގެން ގޮސްފައެވެ.
ޕާކިސްތާން ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ދެކެވަޑައި ގަންނަވާ ގޮތުގައި އަފްޣާނިސްތާނުން ކޯލާ ދެލި އެތެރެކޮށްގެން ޕާކިސްތާނަށް ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރު ސަލާމަތް ކުރެވޭނެއެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ނޫސް ބަޔާނަކާ ހަވާލާދީ ޕާކިސްތާނުން ބުނީ އަފްޣާނިސްތާނުން ފެންވަރު ރަނގަޅު ކޯލާ ދެލި އެތެރެކުރުމުން އަގުހެޔޮ ކަރަންޓު އުފެއްދޭނެ ކަމަށާއި މާލީ ގޮތުން ބޮޑު ކާރިސާއެއްކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ބޭރު ފައިސާ ރައްކާކުރުމަށް ވެސް މިކަމުން ފަހިވެގެން ދާނެ ކަމަށެވެ.