ލިވާތު ކުރުމަކީ ބޮޑުކަމެއް ނޫން ކަމަށް ދައްކާ، ރާއްޖޭގައި LGBT ފެތުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުން ކަމުގެ ތުހުމަތު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ ވިދޅުވެފައިވަނީ މި މަސައްކަތުގައި، ރާއްޖޭގައި އޮފީސް ގާއިމް ކޮށްގެން ތިބެ މަސައްކަތްކުރާ ބައިނަލް އަޤްވާމީ ޖަމާއަތްތަކާ ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ ޖަމާއަތްތައްވެސް ހިމެނޭ ކަމަށެވެ.

ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމަކުން ޤަބޫލުކުރާ ދީނީ އަދި އަޚުލާގީ މިންގަޑުތަކެއް ހުންނާނެއެވެ.އެމިންގަޑުތައް ދިފާޢު ކޮށް، އެ މިންގަޑުތައް ދެމެހެއްޓުމަކީ އެ ޤައުމަކުން ކުރަން ޖެހޭނެ ކަމެކެވެ.ރާއްޖޭގައި ގާއިމް ކޮށްފަ ހުންނަ އޮފީހަކުން ނުވަތަ އެ އޮފީހުގައި ހުންނަ ފަރާތަކުން މިފަދަ ކަމަކަށް ހިތްވަރު ދީފިނަމަ އެ އޮފީހެއް ބަންދު ކުރަން ވާނެއެވެ. ނުވަތަ އެ މީހަކު ފޮނުވާލަންވާނެއެވެ.

ދިވެހިންގެ ތެރެއިން ބަޔަކު އެފަދަ އަމަލެއް ކޮށްފިނަމަ، ހައްޔަރު ކޮށް ފަޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ވާނެއެވެ. އެއީ އެކަން ކުރީ 'ޝާހީ' އާއިލާ އަކުން ވިޔަސް މެއެވެ.

ދިވެހިންގެ ތެރޭގައި ފާހިޝް އަމަލުތައް ބޮޑުވުމުގެ ސަބަބުން ބަލިތައް ފެތުރުމާއި، ރޭޕް ގިނަވުމާއި، ހަށިވިއްކުމާއި، ކުޑަކުދިންނާމެދު ބަދު އަޚުލާގީ އަމަލު ހިންގުން ފަދަ ކަންކަން މިދަނީ އާންމު ވަމުންނެވެ. މި ހުރިހާ ކަމެއް ފެންނަމުންދާއިރު، ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައެވެ.~

ޚަބަރު: ޢުމަރު ނަސީރު~