ޕާކިސްތާންގެ ސީނިއާ ޖާނަލިސްޓެއް ކަމަށްވާ އަޔާޒް އާމިރަށް ލާހޯރުގައި ގޮތް ނޭނގޭ ބަޔަކު ހަމަލަ ދިން ކަމަށް ނޫސްތަކުގައި ރިޕޯޓް ކޮށްފިއެވެ. އާމިރުގެ މޫނުމަތިން ޒަހަމްތަކެއް ފެންނަން ހުރި ކަމަށް ފޮޓޯތަކުން ދައްކައެވެ. އޭނާއަށް އަނިޔާ ކޮށްފައި ވަނީ ދުންޔާ ނިއުސްގެ ޓީވީ ޝޯއެއް ރެކޯޑް ކުރުމަށް ފަހު، އޭނާ ކާރަށް އަރަން ދަނިކޮށެވެ.
މި ހަމަލަ ދިން މީހުންނަކީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ. މިމީހުން ވަނީ އާމިރުގެ ޑްރައިވަރަށްވެސް އަނިޔާކޮށްފައެވެ.
މި ހާދިސާ ހިނގި ހިސާބަކީ މީހުން ތޮއްޖެހިފައިވާ މަގަކަށް ވާތީ ހިސާބަށް މީހުން ޖަމާވާން ފެށުމުން ހަމަލާދިން މީހުން އަޔާޒްގެ މޯބައިލް ފޯނާއި ވޮލެޓް ހިފައިގެން އެ ހިސާބުން ފިލައިގެން ދިޔައީއެވެ.
ޓްވިޓާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އަޔާޒްގެ ގަމީސްވެސް ވީދާލާފައި ވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ އިސްލާމްއާބާދު ހައިކޯޓުގެ ބާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ސެމިނާއެއްގައި އާމިރު ތަގުރީރެއް ދިންތާ އެއް ދުވަސް ފަހުންނެވެ. އެ ތަގްރީރުގައި އިމްރާން ޚާންގެ ވެރިކަމުގައި ހުރި މައްސަލަތަކަށް އިޝާރާތްކޮށް ވާހަކަކ ދައްކައި އަޔާޒް ވަނީ ސިފައިންނަށް ފާޑު ކިޔާފައެވެ.
ޕާކިސްތާންގެ ނޫސްވެރިންނާއި އާންމުން ވަނީ އަޔާޒަށް އަނިޔާ ކުރުން ކުށްވެރިކޮށް ޓުއިޓާގައި ފާޑު ކިޔާފައެވެ.