ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ކުރިން ޗައިނާއަކީ ނިކަން މަގްބޫލު ގައުމެކެވެ. ނަމަވެސް މި ފަހަކަށް އައިސް ދިމާވެފައިވާ ކަންކަމާއި ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުން ޗައިނާގެ މަގްބޫލުކަން ގެއްލެން ފަށާފައިވާ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.ޕިއު ރިސާޗް ސެންޓަރުން 19 ގައުމެއްގައި ހަދާފައިވާ ސާވޭއަކުން ދައްކާ ގޮތުގައި، ޗައިނާގެ އަސްކަރީ އަދި އިގުތިސާދީ ބާރު ދެއްކުމާއި އިންސާނީ ހައްގުތަކުގެ ރެކޯޑާއި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ފެށުނު ގޮތާމެދު ދެކޭ ގޮތުން ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ޗައިނާއާ މެދު ކަންބޮޑުވުންތައް އިތުރުވަމުން ގޮސްފައި ވެއެވެ.
މި ޚިޔާލު ހޯދުމުގައި އެމެރިކާގެ 82 އިންސައްތަ މީހުންނާއި ދެކުނު ކޮރެޔާގެ 80 އިންސައްތަ މީހުނާއި އަދި ޖަރުމަނު މީހުންނާއި ކެނެޑާގެ 74 އިންސައްތަ މީހުން، ޗައިނާ އާ މެދު ދެކެނީ ވަރަށް ނޭދެވޭ ގޮތަކަށް ކަމަށް ސާވޭގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ޖަޕާނުގައި 87 އިންސައްތަ މީހުންނާއި އޮސްޓްރޭލިއާގައި 86 އިންސައްތަ އަދި ސްވިޑްންގައި 83 އިންސައްތަ މީހުންގެ މެދުގައިވެސް ޗައިނާއަށް ނުރުހުން އިތުރު ވެފައިވާ ކަމަށް ދައްކައެވެ.
ދެކުނު ކޮރެޔާގައި ޗައިނާގެ މަގްބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަން ފާހަގަ ވެއެވެ. 2017 ވަނަ އަހަރު ޗައިނާއިން ކޮރެއާއާ ދެކޮޅަށް އިޤްތިޞާދީ ގޮތުން ބަދަލު ހިފުމުގެ ކެމްޕެއިނެއް ފަށާފައިވަނީ ދެކުނު ކޮރެއާއިން އެމެރިކާގެ މިސައިލްގެ ނިޒާމެއް ބެހެއްޓުމުންނެވެ.
ބެއިޖިންއިން ވެސް ވަނީ އޮސްޓްރޭލިއާގެ އަމަލުތަކާ ގުޅިގެން އިގުތިސާދީ ގޮތުން ދަތިކުރުމަށް ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.
ޗައިނާއާއެކު ރަގަޅު ގުޅުމެއް އޮންނަ ގައުމުތަކުގައިވެސް ޗައިނާގެ މަގްބޫލުކަން ދަށަށް ގޮސްފައިވެއެވެ. ގްރީސްގައި ރެކޯޑް އަދަދަކަށް 50 ޕަސެންޓް މީހުން ގްރީސްގައި ޗައިނާއާ މެދު ނުރުހެއެވެ. ގްރީސްއަކީ އެގައުމުގެ އިގްތިސާދީ ކާރިސާއަށް ފަހު ޗައިނާގެ އިންވެސްޓްމެންޓުން އިގްތިސާދަށް ދިރުން ލިބުނު ގައުމެކެވެ.
މި ސާވޭއަކީ ފެބްރުއަރީ 14 އިން ޖޫން 3 ގެ ނިޔަލަށް 24،525 މީހުން ބައިވެރިކޮށްގެން ހަދާފައިވާ ސާވޭއެކެވެ.