އިނގިރޭސިން ހޮންގްކޮންގް ޗައިނާއާ ހަވާލުކުރުމުގެ ކުރިން ޗައިނާގެ އޭރުގެ ރައީސް ޖިއާން ޒެމިން ވަނީ ކޮންމެވެސް ދުވަހަކުން ޓައިވާނާ ޗައިނާ އިއްތިހާދު ވާނެ ކަމަށާއި އަދި ޓައިވާން އިއްތިހާދު ވާނީ "އެއް ގައުމެއް، ދެ ނިޒާމެއް" ގެ ޕްލޭންގެ ދަށުން ކަމަށް ވިދާޅުވެފައެވެ. ޖިއާންގގެ މި ޕްލޭންގެ ދަށުން ޓައިވާނަށް "މަތީ ދަރަޖައިގެ އޮޓޯނަމީ" ލިބޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެއިރު ހޮންގކޮންގއަށް ހުށަހަޅާފައި ވަނީ ހަމަ އެ ފޯމިއުލާއެވެ. އޭގެ ދަށުން ފުޅާ ދައިރާއެއްގެ ޒާތީ މިނިވަންކަން ލިބޭނެ ކަމަށާއި މިނިވަން ޖުޑިޝަރީއަކާއި އަމިއްލަ ސިފައިން ތިބޭނެ ކަމަށް ވިދާޅުވިއެވެ. މި ތަގްރީރު ވަނީ 1997ގައި ހޮންގކޮންގ ހަވާލު ކުރި މުނާސަބާގައި އާންމުކޮށް ބަހައި ހަދާފައެވެ.

ނަމަވެސް ޓައިވާނަށް މި ހުށަހެޅުމަކީ އެއްވެސް އިރެއްގައި ގަޔާވި ހުށަހެޅުމެއް ނޫނެވެ. ޗައިނާގެ ދާހިލީ ހަނގުރާމައިގައި ބަލިވި ކުއޯމިންޓަންގް ވެސް ވަނީ ޗައިނާގެ މޮޑެލް އާ އަބަދުވެސް ދެކޮޅު ހަދާފަ އެވެ..

ޗައިނާއިން ހޮންގކޮންގގައި އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުން ޓައިވާނަށް ޗައިނާއާ އިއްތިހާދުވުމަށް އުންމީދު ކުރުމަށް އެއްވެސް ފުރުސަތެއް ނުދެއެވެ.

"ޒާތީ މިނިވަންކަމަށް އިހުތިރާމް ކުރުމާއި އަމިއްލަ ވަންތަކަމުގެ ހުރިހާ ވައުދެއް ނިގުޅައިގަންނާނެ" ކަމަށާއި "ޓައިވާނުން ޗައިނާގެ މައި ބިމާ އެކު މިހާރަށް ވުރެ ބޮޑަށް ގުޅުން ބަދަހިކުރުމަށް ވަކާލާތު ކުރާ ފަރާތްތަކަށް ވެސް މި ހާލަތުގައި ގުޅުން ދަމަހައްޓަންވެސް ވަރަށް އުނދަގޫވާނެ" ކަމަށް ހޮންގްކޮންގް އާއި ޓައިވާނާ ބެހޭ ގޮތުން ފޮތްތައް ލިޔުއްވާފައިވާ ލަންޑަންގެ އެސްއޯއޭއެސް ޔުނިވާސިޓީގެ ޗައިނާ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ސްޓީވް ސަންގް ވިދާޅުވެއެވެ.

ޖުލައި މަހުގެ 1 ވަނަ ދުވަހު ޗައިނާއިން ވަނީ ހޮންގްކޮންގް ހަވާލުކުރިތާ 25 އަހަރު ފުރުން ފާހަގަކޮށްފައެވެ. އިނގިރޭސިވިލާތުން ބުނީ ޗައިނާއިން މި އެއްބަސްވުމުގެ ދަށުން ވެފައިވާ ވަޢުދުތަކާ ޚިލާފުވެފައިވާ ކަމަށެވެ. ނަމަވެސް ޝީ ވަނީ "އެއް ޤައުމު، ދެ ނިޒާމު" ގެ ފޯމިއުލާ ކާމިޔާބުކަމަށް ވިދާޅުވެ، އެ މޮޑެލްއަށް އަމިއްލަފުޅަށް ތއުރީފް ކުރައްވާފައވެ.

ޓައިވާންގެ ޒާތީ ސިޔާދަތުގެ މައްސަލައަކީ އެމެރިކާއާއި ޗައިނާއާ ދެމެދު މިހާރު ހޫނުވެފައިވާ މައްސަލައެކެވެ. ޗައިނާއިން ޓައިވާން ކަނޑު އޮޅީގަ ބާރު ދައްކަމުން ދިއުމާއެކު އެމެރިކާއިން ބުނެފައި ވަނީ އެގައުމުން ދެކޭ ގޮތގައި މި ކަނޑުއޮޅިއަކީ ބައިނަލްއަގްވާމީ ކަނޑު އޮޅިއެއް ކަމަށެވެ.

ޗައިނާއާ އިއްތިހާދު ވުމަށް ޓައިވާންގައި ނަގާފައިވާ ޚިޔާލު ހޯދުމުން ގިނަ މީހުން ބުނބަނީ އިއްތިހާދު ދުމަށް އެމީހުންގެ ތާއީދެއް ނެތް ކަމަށެވެ.