ކުއަޑް ނުވަތަ ކުއަޑްރަލް ސެކިއުރިޓީ ޑައިލޮގްގައި ހިމެނެނީ، އެމެރިކާ، ޖަޕާން، އިންޑިއާ އަދި އޮސްޓްރޭލިއާ ފަދަ ބޮޑެތި، ޑިމޮކްރެޓިކް ހަތަރު އިޤްތިޞާދެކެވެ.
ފާއިތުވި އަހަރުތަކުގައި ކުއާޑް އަށް "އޭޝިއަން ނޭޓޯ" ގެ ނަމުން ނަން ބައެއް ފަރާތްތަކުން ނަން ދީފައި ވެއެވެ. ނަމަވެސް މިއީ ގޯސްކޮށް ކިޔޭ ނަމެއް ކަމަށް މުހައްލިލުން ބުނެއެވެ. ސަރަހައްދުގެ އެހެން ބޮޑު ބާރެއްކަމަށްވާ ޗައިނާ ވަށައިގެން ސަލާމަތީ ކަންބޮޑުވުންތަކުގެ ވާހަކަ ދެކެވޭއިރު، ކުއާޑް އަކީ "އޭޝިއަން ނޭޓޯ" ގެ ނަމުން ނަން ދޭކަށް އެއްވެސް ފަރާތަކުން ބޭނުމެއް ނުވެއެވެ.
ކުއަޑް ޤައުމުތަކުން ވަނީ ޞިއްޙީ އަދި ޢުމްރާނީ ތަރައްޤީއިން ފެށިގެން އަސްކަރީ ތަމްރީނުތަކާ ހަމައަށް އެކި ދާއިރާތަކުން އެއްބާރުލުން ދީފައެވެ. މި ގައުމުތައް ގުޅިގެން ބާއްވފައިވާ މަލާބާރު އަސްކަރީ ތަމްރީންތަކުގެ ސަބަބުން މި ގައުމުތައް ވަނީ އަސްކަރީ ބަދަހި އިއްތިހާދެއްގެ ސިފަ ޖެހިފައެވެ.
"މި ހަތަރު ގައުމުގެ އިއްތިހާދަކީ، ވަކި މެންޑޭޓެއް ނެތި ހަރަކާތްތެރިވާ ބަޔަކަށް ވާތީ، އެ މީހުންނަށް އިގްތިސާދީ ނުވަތަ ދުނިޔެ ހޫނުވުމުގެ މައްސަލަތަކަށްވެސް މަސައްކަތް ކުރެވިދާނެ" ކަމަށް ސީއެންބީސީ އިންޓަނޭޝަނަލްގެ ޑިޖިޓަލް މެނޭޖިން އެޑިޓަރު އަދި ކުއާޑްގެ މުސްތަގުބަލާ ބެހޭ ގޭމް ތިއަރީ ޑްރައިވް ޕްރޮޖެކްޓެއްގެ ލިޔުންތެރިޔާ ޓެޑް ކެމްޕް ވިދާޅުވެއެވެ.
މި ހަތަރު ގައުމުން ކުރާ އެހެން މަސައްކަތުގެ ތެރޭގައި އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ބާރު ގަދަކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް ހަރުދަނާ ކަމާއެކު ހަމަހަމަ ކަމެއް ގެނެސްދިނުން ހިމެނެއެވެ.
ބްރޫކިންސް އިންސްޓިޓިއުޝަންގެ އިންޑިއާ ޕްރޮޖެކްޓްގެ ޑިރެކްޓަރު ތަންވީ މަދާން ސީއެންބީސީއާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ކުއާޑް ގައުމުތަކުން ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުން ކަންބޮޑުވާ ކަމަކީ ޗައިނާގެ ހަރުކަށިކަން ދެއްކުމެވެ. މި ގައުމުތަކުން ދެކޭ ގޮތުގައި މި ބަދަހި ގުޅުމުން ސަރަހައްދަށް އެހެންނޫނީ ނުލިބޭފަދަ ރިސޯސްތައް ހަތަރު ގައުމު ގުޅިގެން ގެނެސްދެވޭނެއެވެ. އަދި ހަމައެފަދައިން ހަތަރު ގައުމަށް ގުޅިގެން ހަމަޖެހުންވެސް ގާއިމް ކޮށްދެވޭނެ ކަމަށެވެ.