ޔޫއޭއީގެ އިއްތިހާދަށް 50 އަހަރު ފުރުމާއި އިންޑިއާގެ މިނިވަންކަމަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެމިރޭޓްސް ޕޯސްޓް ގްރޫޕުން އިންޑިއާ ޕޯސްޓާ ގުޅިގެން ހަނދާނީ ސްޓޭމްޕް ސެޓެއް ނެރެފި އެވެ. އެމިރޭޓްސް ޕޯސްޓުން ބުނީ މި ސްޓޭމްޕްގައި ޔޫއޭއީ އާއި އިންޑިއާއާ ދެމެދު އޮތް "ވަރުގަދަ އަދި ތާރީޚީ ގުޅުން" ދައްކުވައިދީފައި ވާނެކަމަށެވެ.

މި ސްޓޭމްޕް ސެޓް ނެރެދެއްވީ އެމިރޭޓްސް ޕޯސްޓް ގްރޫޕްގެ ގްރޫޕް ސީއީއޯ އަބްދުالله އަލްޝްރަމް އެވެ. އަދި ޔޫއޭއީގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރަށް އެ ސްޓޭމްޕްސެޓް ހަދިޔާކުރެއްވާފައި ވެއެވެ.

ޔޫއޭއީން އިސްނަގައިގެން ދެ ގައުމގެ ގުޅުން ފާހަގަ ކުރުމަށް ކުރި މި މަސައްކަތުގެ މައްޗަށް އަލި އަޅުވާލައްވަމުން ސުދީރު ވަނީ ޔޫއޭއީގެ ވެރިންނަށާއި ޕޯސްޓަށް ޝުކުރ އަދާ ކުރައްވާފައެވެ.

ޔޫއެއީއާއި އިންޑިއާއިން ވަނީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށްޓަކައި ތާރީޚީ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސަންޖޭ ސުދީރު ވިދާޅުވީ "2022 ވަނަ އަހަރަކީ އިންޑިއާ އާއި ޔޫއޭއީ އަށް ވެސް ވަރަށް މުހިންމު އަހަރެއް ކަމަށާއި މި އަހަރަކީ އިންޑިއާއާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ އަހަރު ކަމަށެވެ.

ޔޫއޭއީން ނެރުނު ސްޓޭމްޕަކީ، ހަވާދާއި އަތަރާއި މުތީގެ ވިޔަފާރީގެ ތާރީޚުން ފެށިގެން މިއަދާހަމައަށް ދެމިގެންދާ ތާރީޚު ދައްކުވައިދޭ މަސައްކަތެކެވެ. ޔޫއޭއީގައި އިންޑިއާގެ 3.4 މިލިއަނަށްވުރެ ގިނަ އިންޑިއާ ރައްޔިތުން ދިރިއުޅެމުން ދެއެވެ.

ސުދީރު ވިދާޅުވިގޮތުގައި ދެ ގައުމުގެ ގުޅުމަކީ ވަށާޖެހޭ ސްޓްރެޓީޖިކް ޕާޓްނަރޝިޕަކަށް މިހާރު ބަދަލުވެފައިވާ ކަމުގައި ވިދާޅުވިއެވެ.