އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވި އިސްލާމީ މުފައްކިރުންނާއި، ގަބީލާ ބޮޑުންގެ އެއްވުމުގެ ނިންމާލައިފިއެވެ.

އެ ބައްދަލުވުން ނިންމާލީ 11 ނުކުތާގެ މައްޗަށް އެކުލެވޭ ގަރާރެއް ފާސްކޮށް، ތާލިބާނުންނަށް ތާއީދުކުރާނެ ކަމަށް ވައުދުވަމުންނެވެ.

އަފްޣާނިސްތާނުގައި ތާލިބާނުން އިސްވެ އޮވެ އެކުލަވާލާފައިވާ ސަރުކާރު ބަލައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އިލްތިމާސް ކުރުން ވެސް މި ގަރާރުގައި ހިމެނެއެވެ.

ތާލިބާނުންގެ އޮފިޝަލުން ވިދާޅުވީ މި ބައްދަލުވުމަކީ ގައުމު ހިންގަން ޖެހޭ ގޮތާ މެދު ދަންނަބޭކަލުންނަށް މިނިވަންކަމާ އެކު ހުށަހެޅުންތައް ހުށަހެޅުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ތާލިބާނަށް ވަފާތެރިވުމަށް ވައުދު އާކުރަމުން އެ ގަރާރުގައި އެދިފައި ވަނީ ތާލިބާނުންގެ އެންމެ އިސް ލީޑަރު މުއްލާ ހިބަތުالله އަޚުންދްޒާދާއަށް ބައިއަތު ހިފުމަށާއި ތާލިބާނުންނަށް ވަފާތެރިވުމަށާއި ޝަރީއާ ގާނޫނަކީ އަފްޣާނިސްތާންގެ ގާނޫނުގެ ބިންގާ ކަމަށް ބަލައިގަތުމަށެވެ.

އަދި ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އީޖާބީ ގޮތެއްގައި ކާބުލްއާއެކު މުއާމަލާތްކޮށް، އަފްޣާނިސްތާނުގެ ރައްޔިތުންގެ ހަރު މުދާތައް ދޫކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ.

މި ގަރާރުގައި އަންހެން ކުދިންގެ ތައުލީމަށް އެއްވެސް އިޝާރާތެއް ކޮށްފައި ނުވެއެވެ. ނަމަވެސް ޒަމާނީ ތައުލީމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، އަދުލު އިންސާފު ގާއިމް ކުރުމަށާއި ބައިމަދު މީހުންގެ ހައްގުތަކަށް "އިސްލާމީ ޝަރީއަތުގެ އަލީގައި" ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ގަރާރުގައި އިތުރަށް ކަށަވަރުކޮށްދީފައި ވަނީ، ތާލިބާނުންގެ ސަރުކާރާއި ރައްޔިތުން ގުޅިގެން ބަޣާވާތްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަކުރުން ލާޒިމުވާ ކަމަށެވެ.

ތާލިބާނުންގެ ދީނީ ބޮޑު ޖަލްސާގައި ބައިވެރިވި އެއް ފަރާތްކަމަށްވާ މަވްލަވީ މުޖީބުއް ރަހްމާން އަންސާރީ މީގެ ކުރިން ވަނީ ތާލިބާންގެ އިސްލާމީ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރާ ކޮންމެ މީހެއްގެ ބޮލަށް ބަޑި ޖެހުން ހުއްދަވާނެ ކަމަށް ބުނެފަ އެވެ.