އައްޑޫ ސިޓީގެ އަވަށުތަކުގައި ކައުންސިލުން ވަޒީފާ އަށް ނަގާ މުނިސިޕަލް އިންސްޕެކްޓަރުންގެ މަސައްކަތަށް އެހީތެރިކަމާއި މަޝްވަރާ ދެއްވާނެ ކަމަށް އައްޑޫ ސިޓީ ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ މިކަންކަމަށް މަޝްވަރާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްގެ އައްޑޫ ކޮމާންޑަރ އާއި އައްޑު ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މިވަގުތު ވެސް އައްޑޫ ގެ އެކި އެކި އާއްމު މައިދާންތަކުގައި ހުއްދަ ނެތި ވިޔާފާރި ކުރުމާއި ދޫކޮށްލާފައިވާ ތަކެތި ނުނެގުމާއި، އާއްމުންނަށް ދަތިވާ ގޮތަށް އެކި އެކި އަމިއްލަ ފަރާތްތަކުން ކޮށްފައިވާ ކަންކަން ފާހަގަ ކޮށްލެވެއެވެ. އަދި ގޮންޑުދޮށުން ވެއްޔާއި އަކިރި ނެގުމާއި، ކުނި އުކާލުމާއި އެކި އެކި ގާނޫނާއި ޤަވާއިދު ތަކުން އަދި އުސޫލުތަކުން މަނާ ކުރެވިފައިވާ ގިނަ ކަންތަކެއް ހުރެ ނުހުއްޓުވޭ ކަމުގެ ޝަކުވާކޮށް ރައްޔިތުން އަންނަނީ ކައުންސިލަށް ފާޑުކިޔަމުންނެވެ.

އައްޑޫ ގެ އަވަށްތަކުގައި ކައުންސިލުން ބަލަހައްޓަން ޖެހޭ ސަރަހައްދު ތަކުގައި ކައުންސިލުން މޮނިޓަރކޮށް ތަންފީޒް ކުރަންޖެހޭ އުސޫލްތަކާއި، ޤަވާއިދު ތަކާއި، އަދި ޤާނޫނު ތަކުގެ ތެރެއިން އަމަލު ކުރަންޖެހޭ ކަންކަމަށް މުޖުތަމައު ހޭނުމާއި، އެންމެން ޤާނޫން ތަކާއި، ޤަވާއިދުތަކާއި އުސޫލުތަކަށް އަމަލު ކުރާ މުޖުތަމައެއް ބިނާ ކުރުމާއި ދެމެހެއްޓުމަށް ކައުންސިލުން މިފެށީ އުންމީދީ މަސައްކަތެއް ކަމަށް ރައްޔިތުންދަނީ ބުނަމުންނެވެ. މީގެ ސަބަބުން ކުރިއެރުމެއް ލިބުމަކީ ރައްޔަތުންގެ އެދުމެވެ. ދެކެއެވެ. ހާއްސަކޮށް ކައުންސިލާއި ފުލުހުން އެކީގައި މަސައްކަތް ކުރުމުން މި ފަދަ ކަންކަމުގައި މީހަކަށް ގޯހެއް ހެދުމުގެ ކުރީން މަގު ދެއްކުމާއި ހުއްދައެއް ނަގަންޖެހޭ ކަމެއްނަމަ ހުއްދަ ނެގުމަށް ހިއްވަރު ލިބި ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމަށް ވަރަށް ބޮޑު ހިއްވަރަކާއި އެހީތެރިކަމަކަށް ވާނެކަމަށް ރައްޔަތުން ޤަބޫލުކުރާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މިއީ އައްޑޫ ގައި މުނިސިޕަލް އިންސްޕެކްޓަރސް ނެގި ފުރަތަމަ ފަހަރު ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. މި އައު ފިޔަވަޅާއެކު އައްޑޫ އިން ތަފާތު ފެނިގެން ދާނެކަމަށް ރައްޔިތުން އުންމީދު ކުރާ ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ. މިވަގުތު އަޅާނުލެވި ތިބި ގިނަ ކަންތަކެއް ހަމަމަގަށް އެޅުވި ރައްޔަތުންނަށް ދަތިވެފައިވާ ގިނަ މައްސަލަ ތަކެއް ހައްލުވެ އެންމެނަށް ލާބަޔާއި މަންފާ ލިބެނިވި މަގަށް ކަންކަން ދިއުމަށް ފުރުސަތު ފަހިވާނެކަމަށް ވެސް ރައްޔިތުން އުންމީދު ކުރާ ކަމަށް ވިދާޅުވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސަސް ގެ ފަރާތުން އައްޑޫ ސިޓީ ކޮމާންޑަރ ގެ އިތުރުން ހިތަދޫ ޕޯސްޓުގެ ކޮމާންޑަރ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އައްޑޫ ސިޓީ ކައުންސިލް ގެ ފަރާތުން އައްޑުގެ މޭޔަރ އަބްދުﷲ ސާދިގް ގެ އިތުރުން ޑެޕިއުޓީ މޭޔަރ އާއި ކައުންސިލަރުން އަދި ހިތަދޫ އަވަށު އޮފީހުގެ ޑިރެކްޓަރ އަދި މުނިސިޕަލް ސެކްޝަނުގެ ހެޑްކުރައްވާ އެސިސްޓެންޓް ޑީރެކްޓަރ އަދި މިދިޔަ ހަފްތާގައި ހިތަދޫ އަވަށު އޮފީހަށް ނަގާފައިވާ 3 މުނިސިޕަލް އިންސްޕެކްޓަރސް ބައިވެރިވެ ވަޑައިގެންނެވިއެވެ.