ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 77 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ އޭގެއިތުރުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

ސަރުކާރުން 69.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެން މި މަޝްރޫގެ 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އޭގެ އިތުރުން 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އަދި 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާގޮތަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ. އަދި 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނިފައިވެއެވެ.