ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވުމާއެކު އިންޑިއާއިން ވަނީ، ކުދި ހަތިޔާރާއި، ލުއި ހަތިޔާރުގެ ނާޖާއިޒު ވަގު ވިޔަފާރި ހުއްޓުވުމަށް އދގެ އެކްޝަން ޕްލޭން ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރުމަށް ގޮވާލާފައެވެ.

ކުދި ހަތިޔާރާއި ލުއި ހަތިޔާރުގެ ވަގު ވިޔަފާރި ހުއްޓުވުމާއި، އެފަދަ ހަތިޔާރު ނައްތާލުމާ ބެހޭ އދގެ ޕްރޮގްރާމް ތަންފީޒުކުރުމާ ބެހޭ ގޮތުން އދގެ މުއާހަދާގައި ސޮއިކޮށްފައިވާ ޤައުމުތަކުގެ 8 ވަނަ ބައިއެނިއަލް ބައްދަލުވުން މިދިޔަ ހަފްތާގައި ނިއުޔޯކްގައި ވަނީ ބާއްވާފައެވެ.މި ބައްދަލުވުމުގައި އިންޑިއާއިން ވަނީ އދގެ ޕްރޮގްރާމް އޮފް އެކްޝަން އާއި އިންޓަނޭޝަނަލް ޓްރޭސިންގް އިންސްޓްރޫމަންޓް ފުރިހަމައަށް އަދި ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ، ވަކިން ޚާއްސަކޮށް ޓެރަރިޒަމްގެ ނުރައްކަލާ ކުރިމަތިލުމުގައި އެ ދެ އިންސްޓްރޫމަންޓަކީ ބައިނަލްއަގްވާމީ ގޮތުން މުހިންމު ވަސީލަތެއްކަމަށް ފާހަގަކޮށްފައެވެ. އިންޑިއާއިން ވަނީ މި ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށް ބާރުއަޅާ، އޭގެ ތެރޭގައި އެ ގަވާއިދާ ޚިލާފަށް ކުރާ ވިޔަފާރި ކޮންޓްރޯލްކުރުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ނިޒާމެއް އެކުލަވާލުމަށް ބާރުއަޅާފައެވެ.އަދި، ބައިނަލްއަޤްވާމީ އެއްބާރުލުމާއި އެހީތެރިކަން، ޚާއްޞަ ގޮތެއްގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މި ބައިނަލްއަގްވާމީ އެއްބަސްވުން ތަންފީޒު ކުރުމުގައި އެހީތެރިވެދިނުމާއި، އެ ޤައުމުތަކަށް ފެލޯޝިޕް ޕްރޮގްރާމެއް ހިންގުމުޖގެ މުހިންމު ކަމަށްވެސް ބާރުއަޅާފައެވެ.