ޗައިނާގެ ސްޕޭސް ޕްރޮގްރާމަކީ އަސްކަރީ ސްޕޭސް ޕްރޮގްރާމެއް ކަމަށް އެމެރިކާގެ ސްޕޭސް އެޖެންސީގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވުމާ ގުޅިގެން ޗައިނާ އިން އެކަމަށް ރައްދު ދީފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ޒާއޯ ލިޖިއާން ވިދާޅުވީ، ނާސާއިން ހަގީގަތް ނުބަލައި ޗައިނާއަށް ހުތުރު އެރުވުމަށް މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ.އޭނާ ވިދާޅުވީ އެމެރިކާގެ ބައެއް އޮފިޝަލުން ކެނޑިނޭޅި ޗައިނާއަށް ހުތުރު އަރުވައި ފްރޭމްކޮށް ޗައިނާގެ އަގު ވައްޓާލާފައިވާ ކަމަށާއި އަދި މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށެވެ.ޒާއޯ ވިދާޅުވީ އެމެރިކާގެ އެއިރޯސްޕޭސް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ނެލްސަން، އެމެރިކާގެ ސްޕޭސް ޕްރޮގްރާމްގެ އަނދިރި ތާރީހާއި، ސްޕޭސް ޖަންކް އުފެއްދުމާއި، ބޭރު ދުނިޔޭގެ ޖައްވުގައި ހަތިޔާރުގެ ވާދަވެރިކަން އާލާކުރުމަށް ރފޭސް ޖެހުމާއި ދުނިޔޭގެ ސްޓްރެޓީޖިކް ހަމަޖެހުން ނަގާލުމަށް އެމެރިކާއިން އަދާކޮށްފައިވާ ނެއްގާނި ދައުރާ މެދު ވާހަކަ ދެއްކުމުގެ ކުރިން ސަމާލުވާން ޖެހޭ ކަމަށެވެ.ފާއިތުވެދިޔަ އަހަރުތަކުގައި އެމެރިކާއިން ވަނީ ފާޅުގައި ދުނިޔޭގެ ޖައްވަކީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި ކަނޑައަޅައި، ބޭރު ޖައްވުގައި ހަނގުރާމަ ކުރާނެ ފޯސްއެއް އުފެއްދުމުގެ މަސައްކަތް ކޮށް، ބޭރު ޖައްވުގައި ބޭނުން ކުރާނެ ހަތިޔާރު އުފައްދައި، އެ ހަތިޔާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

ޗައިނާގެ ތަރުޖަމާނު ވިދާޅުވީ، ޖައްވީ ކަންކަމުގެ ގުޅުމުގައި އެމެރިކާއިން ހުރަސްތަކެއް އަޅައި، އެހެން ގައުމުތަކުގެ ޖައްވީ އިދާރާތަކާ ދެކޮޅަށް ތަފާތު ކުރުމުގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެ ގައުމުތަކުން ޗައިނާގެ ޖައްވީ އިދާރާއާ އެކު ބަދަލުކުރެވޭ މުއާމަލާތްތައް ހިފެހެއްޓުމަށް ގާނޫނުތައް ތައާރަފުކޮށްފައިވާ ކަމަށެވެ.ޒާއޯ ވިދާޅުވީ، ޗައިނާއިން ވަކާލާތު ކުރަނީ ސުލްހަވެރިކަމާއެކު ދުނިޔޭގެ ޖައްވުގެ ބޭރު ފަށަލަ ބޭނުންކުރުމަށް ކަމަށާއި، ބޭރު ޖައްވުޖގައި ހަތިޔާރުގެ ވާދަވެރިކަން ގެންގުޅުމާ ޗައިނާއިން ދެކޮޅު ހަދާ ކަމަށާއި، ސުލްހަވެރި މުސްތަގުބަލަކަށް ދުނިޔޭގެ މުޖުތަމައެއް ބިނާކުރުމަށް ގޮވާލާ ކަމަށެވެ.