ޗައިނާއިން އެގައުމުގެ ސެކިއުރިޓީ ކުންފުންޏެއް ހުޅުވަން ޕާކިސްތާން ސަރުކާރުގައި ހުއްދައަށް އެދުނު އެދުމަށް ޕާކިސްތާނުން އިޖާބަ ނުދިނުމުން ޗައިނާ އޮތީ ވަރަށް ބޮޑު ހައިރާން ކަމެއްގައެވެ.

އިސްލާމްއާބާދުން އެކަމާ ދެކޮޅު ހަދާކަން ހާމަކޮށްފައި ނުވި ނަމަވެސް ބެއިޖިންއިން ޕާކސްތާންގެ ފިޔަވަޅާ މެދު ނުރުހޭކަން ފޮރުވާކަށް ބޭނުމެއް ނުވާ ކަމަށް ޕޮލިސީ ރިސާޗް ގްރޫޕް (ޕޮރެގް) އިން ރިޕޯޓުކޮށްފި އެވެ.

ބައެއް މަސްދަރުތަކުން ބުނާގޮތުގައި ޗައިނާއިން ޕާކިސްތާނުގައި ސަލާމަތީ ކުންފުންޏެއް އުފައްދަން އެދުނީ، އިސްލާމީ ހަނގުރާމަވެރިންގެ ކިބައިން ޗައިނާ ރައްޔިތުން ސަލާމަތް ކުރުމަށެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ޕާކިސްތާން ސަރުކާރަށް މި އެދުން ހުށަހެޅި ނަމަވެސް، ޕާކިސްތާންގެ ދާޚިލީ ވުޒާރާއިން ވަނީ ޗައިނާ ސަރުކާރުގެ އެދުމަށް ދެކޮޅު ހަދާފައެވެ. ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަނާ ސަނާއުالله ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ޕާކިސްތާނުގައި އެހެން އެއްވެސް ގައުމަކަށް ސެކިއުރިޓީ ކުންފުންޏެއް ނުހުޅުވޭނެ ކަމަށެވެ.

ޕާކިސްތާނުގެ ސަލާމަތީ ނިޒާމާ މެދު ޗައިނާގެ އިތުބާރު ދެމެހެއްޓުމަށާއި އަދި ޗައިނާ މީހުން ހިމާޔަތް ކުރުމުގެ ގާބިލްކަން ޕާކިސްތާންގެ ކިބައިގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ.