ޕާކިސްތާނުގެ ޗީފް އޮފް ދަ އާމީ ސްޓާފް ޖެނެރަލް ގަމަރު ޖާވިދު ބާޖްވާ ވަނީ ޕާކިސްތާންގެ ޖާސޫސީ އިދާރާގެ މީހުންނާއި ސިފައިން ސިޔާސީ ކަންކަމާ ދުރުވެ ތިބުމަށާއި ސިޔާސީ ފަރާތްތަކާ މުއާމަލާތް ނުކުރުމަށް އަންގަވާފައެވެ.އެނާގެ މި އިރުޝާދުތައް ދެއްވާފައިވަނީ، ޕަންޖާބުގައި ކުރިއަށް އޮތް ބައިއިލެކްޝަންތައް އޮޅުވާލުމަށް ޕާކިސްތާނުގެ ސިފައިންނާއި މުއައްސަސާތަކުން ބައިވެރިވެ ޕާކިސްތާންގެ ތަހުރީކޭ އިންސާފް ޕާޓީ (ޕީޓީއައި)އަށް ގެއްލުންވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ

ދަ ނިއުސް އިންޓަނޭޝަނަލް ނޫހުން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންވެސް ވަނީ، ގޮތް ނޭނގޭ ނަމްބަރުތަކުން ފޯނު ކޯލުތައް ލިބެމުންދާ ކަމުގެ ޝަކުވާ އޭނާގެ ޕާޓީގެ ބައެއް ކެންޑިޑޭޓުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ބައި އިލެކްޝަންތައް އިންޖިނިއަރިން ކުރުމަށް އޭނާގެ ޕާޓީގެ ލީޑަރުންނާއި މަސައްކަތްތެރިންނަށް އެކި ފަރާތްތަކުން ފިއްތަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

ދަ ނިއުސް ގައިވާ ގޮތުން ޕާކސްތާންގެ ސިފައިން ވަނީ މި ތުހުމަތުތަކާ މެދު ހިތާމަކުރާ ކަމަށް ބުނެފައެވެ. މީގެ ކުރިން ބާޖުވާ ވަނީ ސިޔާސީ ކަންކަމާ ދުރުގައި ތިބުމަށް ޕާކިސްތާނުގެ ޖާސޫސީ އިދާރާ އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) އަށް ހަރުކަށި އިބާރާތުން އަންގަވާފައެވެ.

އައިއެސްއައިގެ ވެރިޔާވެސް އޭނާގެ މަސްއޫލުވެރިންނަށް އަންގަވާފައި ވަނީ ސިޔާސީ ކަންކަމާއި ސިޔާސީ ކަންކަމަށް އެއްވެސް ނުފޫޒެއް ނުފޯރުވުމަށެވެ.

ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސިފައިންގެ އިދާރާއާ މެދު ތުހުމަތު ކުރުމުން އައިއެސްއައިގެ ނަން ކިލަނބުވެއެވެ. އަދި އައިއެސްއައިގެ މިހާރުގެ ވެރިޔާ ވަނީ ބޭނުމެއް ނެތް އަރާރުންތަކުން މުއައްސަސާ ދުރުކޮށް ސިޔާސީ ކަންކަމުން އެ މުއައްސަސާ ފޭއަށް ޖެއްސުމަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.