މީގެ ފަސް އަހަރު ކުރިން ހޮންގްކޮންގްގެ ހޮޓެލް ރޫމުން ވަގަށް ނެގި ޗައިނާ-ކެނެޑާގެ ވިޔަފާރި މަހުޖަނެއްގެ ޝަރީއަތް ޗައިނާގައި ކުރިއަށް ގެންދަނީ ކޮންސިއުލާ ޚިދުމަތް ދިނުމެއް ނެތިކަމަށް ބެއިޖިންގައި ހުންނަ ކެނެޑާ އެމްބަސީން ބުނެއެވެ.
ބިލިއަނަރު ޒިއާއޯ ޖިއާންހުއާ އަކީ ޗައިނާގެ އެންމެ ބާރުގަދަ ސިޔާސީ ބައެއް އާއިލާތަކާ ގާތް ގުޅުންތަކެއް އޮންނަ މީހެކެވެ. މަޝްހޫރު ބިލިއަނަރު ޒިއާއޯ ޖިއާންހުއާ 2017 ވަނަ އަހަރު ގެއްލުނީ ހޮންގްކޮންގްގެ ފޯ ސީޒަންސް ހޮޓަލުގައި އޭނާގެ ކޮޓަރީގައި ހުއްޓައި، ޗައިނާގެ ސެކިއުރިޓީ އޭޖެންޓުންތަކެއް އޭނާ އެތަނުން ވަގަށް ނެގުމުންނެވެ.
ކެނެޑާ އެމްބަސީން ބުނީ ޒިއާއޯގެ މައްސަލަ ކޮންސިއުލަރ އޮފިޝަލުން ވަރަށް ގާތުން މޮނިޓަރކުރަމުންދާ ކަމަށެވެ. އޭނާގެ އާއިލާއަށް ކޮންސިއުލަރ ޔުނިޓުން ޚިދުމަތްތައް ފޯރުކޮށްދެމުންދާކަމަށާއި، ނަމަވެސް ޝަރީއަތް އޮންނަ ތާރީޚު ކަށަވަރު ވެފައި ނުވާކަމަށެވެ.
ކެނެޑާގެ ރަށްވެހިކަން އޮންނަ ޒިއާއޯ ޖިއާންހުއާގެ ޝަރީއަތުގެ މަރުހަލާއަށް ހާޒިރުވުމަށް ކެނެޑާއިން އެތައް ފަހަރެއްގެ މަތިން އެދުނެވެ. ނަމަވެސް ޗައިނާއިން އެފުރުސަތު ދީފައެއް ނުވެއެވެ.
ކެނެޑާ އެމްބަސީއާ ހަވާލާދީ ރޮއިޓާސް އިން ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒިއާއޯގެ ޝަރީއަތް އަންނަ ހަފްތާގައި ފަށަން ވަނީ ހަމަޖެހިފައި އެވެ.
ގާނޫނީ ހަމަތަކުން ބޭރުން ޒިއާއޯ ވަގަށް ނެގި މައސަލައަކީ ކެނެޑާއިން ޖައްސާ މައްސަލައެކެވެ.
ޗައިނާއިން ބުނަނީ އޭނާ ކޮރަޕްޝަންގައި ބައިވެރިވެފައިވާ ކަމަށެވެ. ޒިއާއޯ އަކީ ޗައިނާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އަދި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ޕްރޮޕަޓީ ޑިވެލޮޕަރުންގެ ހިއްސާ އޮންނަ ބޮޑު ބޮޑު ހޯލްޑިން ކުންފުންޏެއް ކަމަށްވާ "ޓުމޯރޯ ގްރޫޕް" ކޮންޓްރޯލް ކުރި ކުންފުނީގެ ވެރިމީހާއެވެ.
ޗައިނާގެ މުއްސަނދިކަން ތަހުލީލުކުރާ ހުރޫން ބުނާ ގޮތުގައި ޒިއާއޯގެ މުއްސަނދިކަން 6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި 2016 ވަނަ އަހަރުގެ މުއްސަނދިންގެ ލިސްޓުގެ 32 ވަނައިގައި އޭނާގެ ނަން އޮތެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ޒާއޯ ލިޖިއާންއާ މި ޗަރީއަތާ ބެހޭ ގޮތުން ސުއާލު ކުރުމުން ވަނީ މައުލޫމާތު ނޭގޭކަމަށް ބުނެފައެވެ.