މަތިންދާބޯޓު އިންޖީނު އުފައްދާ ފަރަންސޭސި ސެފްރަން ކުންފުނިން އިންޑިއާގައި ހައިދަރްއާބާދާއި ބެންގަލޯރގައި ގާއިމް ކުރާ މަރުކަޒުތަކާ ބެހޭ މައުލޫމާތު ޙިއްސާކޮށްފިއެވެ. މަތިންދާބޯޓުގެ އިންޖީނު އުފައްދާ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ސެފްރަން ގްރޫޕްގެ ސީއީއޯ އޮލިވިއަރ އެންޑްރީސް އިސްކޮށް ހުންނަވައިގެން މަތީ ފަންތީގެ ވަފުދެއް އިންޑިއާއަށް ވަޑައިގެން އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންހްއާ ބައްދަލުކުރައްވައިފިއެވެ.

ސެފްރަން އަކީ މަދަނީ އަދި ފައިޓަރ ޖެޓްތަކަށް އެޑްވާންސްޑް އެއަރކްރާފްޓް އިންޖީން އުފައްދާ ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އޮރިޖިނަލް އިކުއިޕްމަންޓް އުފައްދާ އެއް ކުންފުންޏެވެ.މި ބައްދަލުވުމުގައި ސެފްރަންގެ ސީއީއޯ ވަނީ އިންޑިއާ އާއި ބޭރުގެ ކޮމާޝަލް އެއާލައިންތަކުން ބޭނުން ކުރަމުންދާ ލީޕް-1އޭ އަދި ލީޕް-1ބީ އިންޖީން އޯވަހޯލް ކުރުމަށް އިންޑިއާގައި މެއިންޓެނަންސް، ރިޕެއާ އެންޑް އޯވަހޯލް ފެސިލިޓީއެއް ގާއިމް ކުރުމަށް އެ ކުންފުނިން ރާވާފައިވާ ގޮތުގެ މައުލޫމާތު އަރުވާފައެވެ.

ހައިދަރުއާބާދުގައި 150 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްގެން ހަދާ މެއިންޓެނަންސް ފެސިލިޓީގެ ސަބަބުން ހަ ސަތޭކައެއްހައި މީހުންނަށް ހުނަރުވެރި ވަޒީފާތައް އުފެދިގެންދާނެ ކަމަށް ލަފާކުރެވެ އެވެ. މި ފެސިލިޓީގެ މަސައްކަތް ފަށާއިރު އަހަރެއްގެ މައްޗަށް 250 އަށް ވުރެ ގިނަ މަތިންދާ ބޯޓު އިންޖީން އޯވަހޯލް ކުރެވޭނެ އެވެ.

މީގެ އިތުރުން، ބެންގަލޫރޫގައި ޖޮއިންޓް ވެންޗަރއެއްގެ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑާ ގުޅިގެން ހަދާ މަރުކަޒު އިފްތިތާހު ކުރުމުގެ މަސައްކަތް ދާ ގޮތުގެ މައުލޫމާތުވެސް ދެވުނެވެ.

ސެފްރަން އިން ވަނީ 36 މިލިއަން ޔޫރޯގެ އިންވެސްޓްމަންޓަކާއެކު ހައިދަރުއާބާދުގެ ސްޕެޝަލް އިކޮނޮމިކް ޒޯންގައި 10 އޭކަރުގެ ބިމެއްގައި ސެފްރަންގެ މަރުކަޒު ގާއިމް ކޮށްފައެވެ.

ސެފްރަން އާއި ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާގައި ހެލިކޮޕްޓަރު އިންޖީނާއި އެއާކްރާފްޓް އިންޖީނަށް މަސައްކަތް ކުރާނެއެވެ. މި ޖޮއިންޓް ވެންޗާގައި 160 އާ ހުނަރުވެރި މީހުން ވަޒީފާއަށް ނެރޭނެ ކަމަށް ބެލެވެ އެވެ.ސެފްރަންގެ ސީއީއޯ ވަނީ އިންޑިއާ ސަރުކާރުގެ މިހާރުގެ ސިޔާސަތާ އެއްގޮތަށް އެޑްވާންސްޑް ޖެޓް އިންޖީން އުފެއްދުމާއި ޓެކްނޮލޮޖީ ބަދަލުކުރުމުގައި އެ ކުންފުނީގެ ދުރު ރާސްތާ ޕްލޭން ގެ މައުލޫމާތު ދީފައެވެ.