މިއަހަރުގެ ޖަނަވަރީ މަހު ހިއުމަން ރައިޓްސް ވޮޗްއިން ޕާކިސްތާނުގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ހާލަތު ވަރަށް ބަނަކަމަށް ބުނެފައި ވެއެވެ. އެ ޖަމިއްޔާއިން ބުނީ، އަނިޔާކުރުމާއި، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ބޮޑެތި ޖަރީމާތަކުގެ ޒިންމާ ގާނޫނު ތަންފީޒުކުރާ އިދާރާތައްތަކުން އުފުލަން ޖެހޭނެ ކަމަށެވެ. އަދި ޕާކިސްތާނުން ސަރުކާރުން މި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އަދިވެސް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށެވެ.

މިސާލަކަށް، ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކުރެވޭ ޕާކިސްތާންގެ ނޫސްވެރިޔާ އަދި ސަރުކާރަށް ފާޑުކިޔައި އުޅުނު މުހްސިން ބޭގްގެ ގެއަށް ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީގެ މުވައްޒަފުން، 16 ފެބުރުވަރީގައި ގަދަކަމުން ވަދެގަތެވެ.

މި މީހުން އެގެއަށް ވަދެ މީހުންނަށް ތައާރަފްވާކަމަށް ނުވަތަ އައިޑީ ކާޑް ދައްކާކަށްވެސް ބޭނުމެއް ނުވިއެވެ. ފަހުން ބެއިގްއަށް އިމްރާން ޚާންގެ ވަޒީރެއްގެ ފަރާތުން އެނގުނީ އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ފަހުން، ތަޖުރިބާކާރު ނޫސްވެރިޔާ އަމިއްލައަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ކުރިމައްޗަށް ހާޒިރުވެ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކޮށްދިނުމަށް އެދުނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި 16 ފެބުރުއަރީ 2022 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ލާހޯރު ސިޓީގައި މުހްސިންއާ ދެކޮޅަށް މައްސަލަ ހުށަހެޅިފައި ވީއިރު ފުލުހުން އޭނާގެ ގެއަށް ވަދެފައި ވަނީ ހަމަ އެދުވަހު ހެނދުނު 8:00 ގައެވެ.

ފަހުން ކޯޓުން ވަނީ ބެއިގްގެ ގެއަށް އިންވެސްޓިގޭޝަން އެޖެންސީން ވަން ވަނުމަކީ ގާނޫނާ ޚިލާފް އަމަލެއްކަމށް ކަނޑައަޅާފައެވެ. އަދި އޭގެ ދޮޅުމަހެއްހާ ދުވަސް ފަހުން ކޯޓުން ވަނީ ބައިގްއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށް، ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ ތަހުގީގު ކުރުމަށް އަމުރުކޮށްފައެވެ.

މުހްސިން ބައިގްގެ މައްސަލައަކީ ޕާކިސްތާނުގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތުގެ ސާފު މިސާލެކެވެ. ޕާކިސްތާނުގައި ސަރުކާރުތަކުން ނޫސްވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ފޭކް މައްސަލަތައް ރަޖިސްޓްރީކޮށްގެން ނުވަތަ ބާރުގެ ބޭނުންކުރާކަން މާކުރިންވެސް ހާމަވެފައިވެއެވެ.

ހަމަ އެފަދައިން، ޕާކިސްތާނުގެ ބައިބޯ ޕްރޮވިންސެއް ކަމަށްވާ ޕަންޖާބުގެ ވެރިރަށް ލާހޯރުގައި، ގޮތް ނޭނގޭ ހަ މީހަކު ވަނީ ޕާކިސްތާނުގެ މަޝްހޫރު ކޮލަމިސްޓެއް ކަމަށްވާ އަޔާޒް އާމިރު އަށް ހަމަލަ ދީފައެވެ. ގަބޫލުކުރެވޭ ގޮތުގައި އޭނާއަށް ހަމަލާދިނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނެވެ.

ނޫސްވެރިންނާއި، އިދިކޮޅު ސިޔާސީ ފަރާތްތަކާއި، ރައްޔިތުންނާއި، ބައިމަދު ދަރިކޮޅުތަކަށް އަނިޔާވެރިކަމާއި ފޭކް ތުހުމަތުތައް ބޭނުންކުރެވުމަކީ އާންމު ކަމެކެވެ.

ބަލޫޗިސްތާނުގައި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ރިޕޯޓްކުރާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ވޮއިސް ފޯ ބަލޫޗް މިސްޑް ޕާސަންސް (ވީބީއެމްޕީ) އިން ކުރި އަންދާޒާއަކުން ދައްކާ ގޮތުގައި، ފާއިތުވީ 30 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި 6،000 އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ނުވަތަ އެމީހުން މަރާލާފައި ނުވަތަ ސިއްރު ތަނެއްގައި ބައިތިއްބާފައެވެ.

ވީބީއެމްޕީގެ ހޯދުންތަކަށް ބަލާއިރު، 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަރުވެފައިވާ 1400 އެއްހާ ބަލޫޗްގެ ގަބުރު ވަނީ ފެނިފައެވެ.

ޕާކިސްތާނުގެ އުތުރު ވަޒީރިސްތާނުގެގަބީލާ ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުގެ ގާފިލާއަކަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ސަލާމަތީ ބާރުތަކުގެ 10 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ޑޯން ނޫހުން ރިޕޯޓު ކުރި ގޮތުގައި މިހަމަލާ ދީފައި ވަނީ މިރާލީގެ ޚާދީ މާރުކޭޓް ކައިރިން ދަތުރު ކުރަމުން ދަނިކޮށެވެ. ސަލާމަތީ ފައުޖުތަކުގެ ގާފިލާއަށް ދިން ޖާނު ގޮއްވާލުމުގެ ހަމަލާ ކަށަވަރު ކޮށްދެއްވަމުން އުތުރު ވަޒީރިސްތާނުގެ ޑެޕިއުޓީ ކޮމިޝަނަރު ޝާހިދު އަލީ ޚާން ވިދާޅުވީ، މި ހާދިސާގައި ޖުމްލަ 10 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި އެއިން ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

ސަލާމަތީ ބާރުތަކުގެ ގާފިލާ މިރާލީއިން ފުރައިގެން ޑިސްޓްރިކްޓްގެ މައި މަރުކަޒަށް ދިއުމުގެ ތެރޭގައި ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު އަމިއްލައަށް މަރުވެގެން ބޮން ގޮއްވާލީ ކަމަށް އޮފިޝަލުން ބުނެއެވެ.

ޑޯން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި މީހުން އަސްކަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވެއެވެ.

ހަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދު ވަށާލައި، ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައި، މަގުތައް ބަންދުކޮށްފައި ކަމަށް ޑޯން ނޫހުން ރިޕޯޓް ކުރެއެވެ.

ނަމަވެސް މިހާތަނަށް މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. މިއީ ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދިން ދެވަނަ ސުއިސައިޑް ހަމަލާއެވެ.