ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ޖަލަށް ލުމަށް ޙައްޤު ނޫން ގޮތުގައި މިހާރުވެސް ޖޭޕީގޭ ލީޑަރު ޤާސިމް އިބްރާހީމާއި ވާދަވެރި ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށްބުނެ ޕީޕީއެމް ކޯލިޝަނުން ޤާސިމަށް ވަރަށްބޮޑަށް ފާޑު ކިޔައިފިއެވެ.

އެ ކޯލިޝަނުން މިއަދު ބުނެފައިވަނީ އެގޮތަށް ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ކާމިޔާބެއް ނުވާނޭ ކަމަށެވެ. ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކާ ގުޅޭ ގޮތުން ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއީވެސް ޤާސިމް ސްޕޮންސާރޑް އާޓިކަލެއް ކަމަށެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ވަރަށް ބޮޑަށް ޤާސިމް ގެންދަނީ ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ކަމަށާއި އެންމެ ފުރަތަމަ ރައީސް ޔާމީން ޖަލަށް ލުމުގައިވެސް ޤާސިމްގެ އަތެއްވާ ކަމަށް އެބަޔާނުގައިވެއެވެ. "ކޯޓު ތަކަށް ކަޅު ފައިސާ އަޅާ ނުފޫޒު ފޯރުވާފައިވާކަން އެނގޭ،" ކަމަށް ވެސް އެބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕީ.ޕީ.އެމް ގެ 2023 ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި، ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނޭ ކަމަށެވެ. "ރައީސް ޔާމީން ޖަލަށް ލައިގެން ޖުމްހޫރީ ޕާޓީ އަދި އެހެން ޕާޓިއަކުންވެސް އަދި ލީޑަރަކުވެސް އެމީހުންގެ ފަހަތަށް ޕީ.ޕީ.އެމް ޕީ.އެން.ސީ އިން އަރާފާނެ ކަމަށް ނުވަތަ އެމީހުންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް މިކޯލިޝަން ފަހަތަށް ޖެހޭނެކަމަށް ހީކުރުމަކީ ދެކޭ ހުވަފެނެއް، އެކަމެއް މިކޯލިޝަނުން ނުކުރާނެ،" ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއާގެ ނުފޫޒުގައި ޖެހި ރާއްޖޭގެ މިނިވަންކަން ނާގާލި އެއްވެސް ޚާއިނެއްގެ ފަހަތަށް ޕީ.ޕީ.އެމް އިން ނާރާނޭ ކަމަށާއި އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ފޯމިއުލާއެއް ވާދަވެރި ފަރާތްތަކަށް ނުނެރެވޭނޭ ކަމަށް ވެސް ބުނެފައިވެއެވެ.

"ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ޙަލަތަކަށް އައި ނަމަވެސް، ޕީ.ޕީ،އެމް އިން ކަންކުރާނެ ގޮތް ޕީ.ޕީ.އެމް ގެ އަސާސީ ޤަވާއިދުގައި އޮންނާނެ. އެންމެ ފަހުން އޮތް ޢާންމު އިންތިޚާބުގަ ޤާސިމް މިޕާޓީއަށް ލަނޑުދިން ގޮތް މިޕާޓިން ހަނދާނެއް ނުނެތޭ،" ކަމަށް ވެސް ބުނެފައިވެއެވެ.