މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ އެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިންގ ގެ ޕްލާސްޓަރިންގ މަސައްކަތާއި، ރަންވޭ ހަދަން ހަމަޖެހިފައިވާ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތް ކަމަށެވެ. އޭގެ އިތުރުން ޓަރމިނަލް ބިލްޑިންގ ގެ ފައުންޑޭޝަން މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވެފައިވެއެވެ.

މިއީ 243.9 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ހިންގާ ތަރައްގީގެ މަސައްކަތެކެވެ. މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.