ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސްގައި އުމުރުން 22 އަހަރުގެ ސިކު ދީނުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ވަނީ ގޮތް ނޭނގޭ ބަޔަކު އޭނާ ވަގަށް ނެގީކަމަށް ބަލައި މި މައްސަލަ ރަޖިސްޓްރީކޮށް ތަހްގީގު ފަށާފައެވެ. މިހާދިސާ ހިނގާފައިވަނީ ޕަންޖާބްގެ ހަސަންއަބްދަލް ސިޓީގައެވެ. މިއީ ސިކުން މާތް ސިޓީއެއް ކަމުގައި ބަލާ ތަނެކެވެ.

ކަންމަތީ ފިހާރައެއް ހިންގާ މީހާގެ މި އަންހެން ދަރިފުޅު ގެއިން ބޭރަށް ނިކުތީ ކުނި އުކާލާށެވެ. ނަމވެސް އޭނާ އެނބުރި އައިސްފައި ނުވުމުން އާއިލާއިން އެކަން ރިޕޯޓް ކުރީއެވެ.

ޕާކިސްތާންގައި މީހުން ގެއްލުން އާންމު ކަމަކަށް ވެގެން މީގެ ހަފްތާއެއް ކުރިން އިސްލާމްއާބާދު ހައިކޯޓުންވެސް އެމައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނަސްފައި ވެއެވެ.

މި ކުއްޖާ ގެއްލިގެން ހޯދާތާ އެއް ދުވަސްފަހުން އޭނާގެ ފޯނުން އޭނާގެ ބައްޕައަށް ވަޓްސްއެޕް މެސެޖަކުން އަންގާފައިވަނީ އޭނާ އަމިއްލަ ރުހުމުގައި މީހަކާ އިންނަން އުޅޭ ކަމަށާއި އަދި އޭނާ އިސްލާމް ދީން ގަބޫލުކޮށްފައިވާ ކަމަށެވެ.

ޕާކިސްތާންގައި ބައިމަދު ދީންތަކުގެ އަންހެން ކުދިން ވަގަށް ނެގުމަކީ އާންމު ކަމެކެވެ. އަދި މިކުދިންގެ ނުރުހުމުގައި ދީން ބަދަލުކުރުވައި، ދޮށީ އުމުރުގެ މީހުންނާ ކައިވެނި ކުރުވުމަކީވެސް އާންމު ކަމެކެވެ.

ޕާކިސްތާން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ މިކަން ކުށްވެރިކޮށް ރިޕޯޓް ޝާއިއުކޮށްފައެވެ.