އިންޑިއާގައި ހިންގާ މާލީ ޖަރީމާތަކާ ދެކޮޅަށް މަސައްކަތް ކުރާ އޭޖެންސީން އިއްޔެ ބުނީ، ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުނި ވައިވޯއިން މަނީ ލޯންޑަރިންގެ ތުހުމަތު ކުރިކަމުގައި ހިންގާ ތަހުގީގެއްގެ ދަށުން، ވައިވޯގެ އިންޑިއާ ވިޔަފާރިއާ ގުޅުން ހުރި 119 ބޭންކް އެކައުންޓެއް ބްލޮކް ކޮށްފައިވާ ކަމަށެވެ.

ވައިވޯއަކީ 4.65 ބިލިއަން ރުޕީސް (58.76 މިލިއަން ޑޮލަރު) ގެ ވިޔަފާރި ކުރަމުން ދިޔަ ކުންފުންޏެކެވެ.

އިންޑިއާގެ ތަހުގީގީ އިދާރާއިން ބުނީ ވައިވޯ އިން އިންޑިއާގައި ވިޔަފާރިކޮށްގެން ލިބޭ ފައިސާ އިންޑިއާއިން ބޭރަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި އެއީ ޓެކްސް ނުދެއްކުމުން ދުރުހެލިވުމަށް ކުރި ކަމެއް ކަމަށެވެ. އެކަމާ ގުޅިގެން ވައިވޯގެ 48 ތަނެއް މިދިޔަ ހަފުތާގައި ވަދެ ބަލައި ފާސްކޮށްފައިވެއެވެ.

މި ހަފުތާގެ ކުރީކޮޅު ވައިވޯ އިން ވަނީ ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި އިންޑިއާގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.

އިންޑިއާގެ ތަހުގީގީ އިދާރާގެ ބަޔާނުގައި ބުނެފައި ވަނީ ތަހުގީގަށް ބޭނުންވާ މީހުންގެ ތެރޭގައި ވައިވޯގައި މަމަސައްކަތް ކުރާ ޗައިނާގެ ބައެއް ރައްޔިތުން ވެސް ހިމެނޭ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތުގައި ކުންފުނިން އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. އަދި އެއިން ބަޔަކު "ފިލައިގެން ގޮސް، ޑިޖިޓަލް ޑިވައިސްތައް ފޮހެ، ހެކި ފޮރުވަން މަސައްކަތް ކުރި" ކަމަށް ވެސް ބުނެފައި ވެއެވެ.

ތަހުގީގީ އިދާރާއިން ބުނެފައި ވަނީ އެ އޮޕަރޭޝަންގެ ތެރޭގައި ދެ ކިލޯގްރާމްގެ ރަން ބުރިތަކާއި ބައެއް ނަގުދު ފައިސާ ވެސް އަތުލައިގެންފައިވާ ކަމަށެވެ.

ޗައިނާއިން ވަނީ މި ތަހުގީގުގެ ސަބަބުން އިންޑިއާގައި ވިޔަފާރި ކުރާ ޗައިނާ ކުންފުނިތަކަށް އިންޑިއާގައި މަސައްކަތް ކުރުމުގެ އިތުބާރު ގެއްލޭނެ ކަމަށް ބުނެފައެވެ.

އިންޑިއާއިން ވައިވޯ ކުންފުންޏަށް ތުހުމަތު ކުރާ ގޮތުގައި އެ ކުންފުނިން ވަނީ 1.25 ޓްރިލިއަން ރުޕީސް (15.82 ބިލިއަން ޑޮލަރު) ގެ ޖުމްލަ ސޭލްސް ހަދައި އެއިން ގާތްގަނޑަކަށް 50 ޕަސެންޓް ޗައިނާއަށް ފޮނުވާފައެވެ. އަދި އެކަން ކޮށްފައި ވަނީ އިންޑިއާގައި ޓެކްސް ދެއްކުމުން ސަލާމަތްވުމަށް ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.

އިންޑިއާއިން އެތަހުގީގު ފަށާފައިވަނީ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.