ޗައިނާގެ ސިފައިން ވަނީ ޓައިވާންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި ޖޮއިންޓް ކޮމްބެޓް ރެޑިނަސް އެކްސަސައިޒްތަކެއް ބާއްވައި އެމެރިކާއަށް ގޮން ޖަހާފައެވެ. އެމެރިކާއިން ބުނެފައި ވަނީ ތައިވާން ކަނޑު އޮޅި އަކީ ބައިނަލްއަގްވާމީ ކަނޑު އޮޅިއެއް ކަމަށެވެ. ނަމަވެސް ޗައިނާއިން ވަނީ އެވާހަކަ ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.
ޗައިނާއިން ހަނގުރާމައަށް ތައްޔާރު ވުމަށް ބާއްވާފަދަ ކޮމްބެޓް ޑްރިލްތައް ބޭއްވިއިރު، އެމެރިކާގެ އިސް ސެނެޓަރަކު ވަނީ ޓައިވާންގެ ރައީސް ޓްސައި އިންގް-ވެންއާއެކު ރަސްމީ ބައްދަލުވުމަކަށް ޓައިޕޭއަށް ޒިޔާރަތްކުރައްވާފައެވެ.
ޓައިވާނަކީ ޗައިނާއިން ވަކިވެގެންފައިވާ ބާޣީ ސަރަހައްދެއްކަމަށް ޗައިނާއިން ބުނެއެވެ.
ޗައިނާގެ ސިފައިންގެ އިރުމަތީ ސަރަހައްދުގެ ކޮމާންޑުން އިއުލާނުކުރި މި އަސްކަރީ ތަމްރީނުތަކަކީ އެމެރިކާ އާއި ޓައިވާން ގުޅިގެން ހިންގާ ޕްރޮޕެގެންޑާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ތަމްރީނުތަކެއް ކަމަށް ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ވޫ ކިއާން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
މި ތަމްރީން ތަކާ ބެހޭ ގޮތުން މައުލޫމާތު ދިން ޓައިވާންގެ މަސްދަރަކުން ރޮއިޓާސްއަށް ކިޔައި ދިން ގޮތުގައި ޗައިނާގެ އެތައް ފައިޓަރ ޖެޓްތަކެއް ޓައިވާން ކަނޑު އޮޅީގައި ޓައިވާންގެ ސަރަހައްދީ ރޮނގު ހުރަސްކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް މަތިންދާ ބޯޓު ޓައިވާންގެ ވައިގެ ސަރަހައްދަށް ވަދެފައި ނުވާ ކަމަށެވެ.
ޗައިނާގެ މަތިންދާ ބޯޓްތަކުން ޓައިވާންގެ ނުރަސްމީ ސަރަހައްދު ހުރަސްކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށާއި، ޚާއްސަކޮށް ޓައިވާންގެ ހުޅަނގު އުތުރުން ޗައިނާގެ މަތިންދާ ބޯޓްތައް ހުރަސްކުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށް އެ ފަރާތުން ބުންޏެއެވެ.