ދިވެހިރާއްޖެއަކީ އިގްތިސާދީ ގޮތުން ވަރަށް ވެސް ނާޒުކު ގައުމެކެވެ. ދިވެހިރާއްޖެ އިގްތިސާދުގެ "ދިރިހުރުމާއި މަރުވުން" ގުޅިފައިވަނީ ހިމަހިމަ ރޮގެއްގެ މައްޗަށެވެ.

ހިމަ ރޮނގެއްގެ މައްޗަށް ކަމަށް ދަންނަވަން ޖެހެނީ ރާއްޖޭގެ މާކެޓުގައި ހުރި އެންމެ އަސާސީ ތަކެތިންފެށިގެން، އެންމެ "ލަގްޒަރީ" ތަކެއްޗަކީ ވެސް ކޮންމެ ވެސް ގައުމަކުން އިމްޕޯޓް ކޮށްފައިވާ ތަކެތިކަމެވެ. ހަމަ އެހެންމެ މިތަކެތި ރާއްޖެއަށް އެތެރެރެކުރަން ބޭނުންވާ ޑޮލަރުގެ ބޮޑުބައި ވެސް ހޯދަނީ ޓޫރިޒަމް ސެކްޓަރުގެ ހިދުމަތުން ލިބޭ ބޭރު ފައިސާއިންނެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު:

މަސްވެރިކަމަކީ ޒަމާންވީ އިގްތިސާދީ މަސައްކަތެއް ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މަސައްކަތަކީ ދިވެހިރާއްޖެއަށް އެކަށީގެންވާ މިންވަރަ ބަރޯސާ ވެވޭ މިންވަރަށް ފުޅާކުރެވުފައި އޮތް މަސައްކަތެއް ނޫނެވެ. ވަކިވަކި އަމިއްލަ ވިޔަފާރިވެރިން މަސްވެރިކަމުން ނަފާ ހޯދި ނަމަވެސް، އެއީ ޖުމްލަގޮތެއްގައި ފަތުރުވެރިކަމާ އަޅާބަލާއިރު ދިވެހިރާއްޖޭގެ އިގްތިސާދަށް ވަންނަ ކުޑަކުޑަ ޕަސަންޓެއްގެ ނަފާއެކެވެ. މިސާލަކަށް 2018 ވަނަ އަހަރުގެ ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާގޮތުން ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރި މަހުގެ އަގު އަރަނީ 229.2 މިލިއަން ޑޮލަރަށެވެ. ނަމަވެސް 2018 ވަނަ އެކަނިވެސް ދިވެހިރާއްޖޭގެ މުޅި ޖީޑިޕީގެ 66 އިންސައްތަ ކަވަރުކުރީ ފަތުރުވެރިކަމުންނެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުގެ ސަބަބުން، ދުނިޔޭގެ މަޝްރަހަށް އަންނަ ކުޑަ ކުޑަ ބަދަލެއްގެ ސަބަބުން ވެސް ދިވެހިން "ބަނޑަށް" ވެސް ޖެހިދާނެއެވެ.

ސަބަބަކީ ފަތުރުވެރިކަމުގެ މައްޗަށް ދިވެހިރާއްޖެ ބަރޯސާވާއިރު އިގްތިސާދީގޮތުން ގަމުތަކަށް ދިމާވާ ހާލަތްތަކާ، ހަނގުރާމައާއި، ތަފާތު އާލަމީވަބާތަކުގެ ސަބަބުން ވެސް ދިވެހިރާއްޖެ އިނދަޖެހުމުގެ ފުރުސަތު އެބައޮތެވެ.

ޔޫކްރެއިން ރަޝިޔާ ހަނގުރާމަ:

ޔޫކްރެއިން އާއި ރަޝިޔާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް އަންނަނީ އިގްތިސާދީ ގޮތުން ކުރަމުންނެވެ. މި ހަނގުރާމައަށް ފަސް މަސް ދުވަސް ހިނގާފައިވާއިރު، ދުނިޔޭގައި ހަކަތައިގެ އަގު ވަނީ ޔޫރަޕްގެ ގައުމުތަކުގައި 80 ޕަސަންޓަށް އުފުލިފައެވެ. އަދި ގޮވާމުގެ އަގު ވަނީ 40 އިންސައްތައަށް އުފުލިފައެވެ. ގޮވާމާއި ތެޔޮ ފަދަ އަސާސީ ވަސީލަތްތައް އެކްސްޕޯޓުކުރާ 20 އަށްވުރެ ގިނަ ގައުމުން ވަނީ ވަގުތީގޮތުން އެކްސްޕޯޓުކުރުން ހުއްޓާލާފައެވެ. އޭގެތެރޭގައި، އިންޑިއާ، އިޓަލީ، ޔޫކްރެއިން، ރަޝިޔާ، ބްރެޒިލް ފަދަ ގައުމުތައް ހިމެނެއެވެ.

ދިވެހިރާއްޖެއަށް އޮތް ބިރަކީ ކޮބާ؟

މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް އޮތް ބިރުވެރިކަން ފުރަތަމަ ވެސް ފެށެނީ ފަތުރުވެރިކަމާ ހަމައިންނެވެ. އިގްތިސާދީ ހީނަރުކަން ޔޫރަޕްގައި މިހާރުވެސް އޮތީ ފެށިފައެވެ. ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ކާރިސާއަކާއި މުޅި ދުނިޔެ ކުރިމަތިލަމުން އަންނައިރު، ގައުމުތަކުން ގެންދަނީ ހާލަތު ރަނގަޅުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.

އިނގިރޭސި ވިލާތުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހަނގުރާމަ ފެށުނުފަހުން އެގައުމުގެ އިންފްލޭޝަން ވަނީ 9.1 ޕަސަންޓު އުފުލިފައެވެ. އަދި އަންނަ އޮކްޓޫބަރު މަހާއި ހަމައަށް 11 ޕަސަންޓަށް އެ ގައުމުގައި އިންފްލޭޝަން އުފުލޭނެއެވެ. އިޓަލީ ވިލާތުގެ އިންފްލޭޝަން ރޭޓު ވަނީ މޭމަހުގެ ތެރޭގައި 6.8 ޕަސަންޓަށް އުފުލިފައެވެ. މިއީ ފާއިތުވީ 23 އަހަރު ދުވަހުގެ ތެރޭގައި އެގައުމުގެ އިންފްލޭޝަން މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރަރެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރެއިން ގަދަ ފަހެއްގައި އިނގިރޭސި ވިލާތް، އިޓަލީ، ރަޝިޔާ، އިންޑިއާ އަދި ޖަރުމަނު ވިލާތް ހިމެނެއެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން އިންޑިއާގެ އިންފްލޭޝަން ވެސް ވަނީ 6.2 ޕަސަންޓު އުފުލިފައެވެ. އަދި އަންނަނީ އުފުލެމުންނެވެ. ރަޝިޔާގެ އިންފްލޭޝަން ވަނީ މިއަހަރު 14 ޕަަސަންޓަށް އުފުލިފައެވެ.

ގައުމުތަކުގެ އިންފްލޭޝަން މައްޗަށް ދާ މިންވަރަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރު ބޮޑުވާނެއެވެ. ސަބަބަކީ ޗުއްޓީއަށް ދަތުރު ދާން އޮންނަ ފައިސާއިން މުދަލާއި އަސާސީ ހިދުމަތްތަކަށް ހޭދަކުރަން ޖެހޭނެތީއެވެ.

ރާއްޖެއަށް ކުރެވޭނީ ކީތް؟

މިފަދަ ހާލަތެއްގައި ދިވެހިރާއްޖޭގެ އިންފްލޭޝަން ވެސް މައްޗަށް ދާނެއެވެ. އިމްޕޯޓު ކުރާ މުދަލުގެ އަގު އުފުލުމުގެ ނަތީޖާއަކަށްވާނީ މުދަލުގެ އަގު އުފުލުމެވެ. އިގްތިސާދީ ކާރިސާގެ އިތުރަށް ގޯސްވުމުން، އިނގިރޭސިވިލާތް، އިޓަލީ ފަދަ ގައުމުތަކުގެ ފަތުރުވެރިން ރާއްޖެއަންނަ މިންވަރު ދަށްވާނެކަމަށް އިގްތިސާދު ދިރާސާ ކުރާ ބައެެއް މާހިރުން ހާމަކުރައްވައެވެ.

"ދެން އޮތް ގޮތަކީ ހިދުމަތުގެ އަގު ބޮޑުކުން. އެކަމަކު އެއީ ވެސް ފަތުރުވެރިކަމުގެ އަގު. އެކަމަކު މިއީ އެންމެ ރަނގަޅުވަގުތެއް ނޫން ފަތުރުވެރިކަމުގެ އަގު އުފުލާކަށް. ކްރައިސްސް އެއްގަ އޮއްވާ އަގު އުފުލައިފިނަމަ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ދެންވެސް ވާނީ މަދު. އެކަމަކު ދިވެހިރާއްޖޭގެ އެތެރޭގެ އިގްތިސާދު ދެމެހެއްޓުމަށް ބޭނުންވާ ފައިސާ އުފައްދާނެ ގޮތެއް ހޯދަންޖެހޭ. ރާއްޖެއަށް ބޮނޑު ވިއްކުމަކީ ވެސް މިވަގުތުކުރަން އެންމެ އެދެވޭކަމެއް ނޫން. ދަރަނީގެ އިންސައްތަ ސަތޭކަ ނުވަދިހަ ޕަސަންޓަށް ވުރެ މަތީގައި ހުރުމަކީ އިތުރަށް ލޯނު ވެސް ނެގެން އޮތް ހާލަތެއް ނޫން،" އިގްތިސާދީ މާހިރެއް ބުންޏެވެ.