ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާއިން ޕެސިފިކް ސަރަހައްދަށް އައު ސަމާލުކަމެއް ދޭން ނިންމައިފިއެވެ. އެމެރިކާގެ ޕީސް ކޯޕްސް އަލުން ޕެސިފިކް ސަރަހައްދުގައި ރުކުރުވާލާ އައު ސްޓްރެޓެޖީއަކާއެކު އެމެރިކާއިން ވަނީ ޕެސިފިކްގެ އިގްތިސާދީ ތަރައްގީއަށް 900 މިލިއަން ޑޮލަރު ހޭދަ ކުރަން ނިންމާފައެވެ.
މިކަން އިޢްލާން ކުރައްވާފައި ވަނީ، އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސްއެވެ. މިއީ ޗައިނާގެ ސަރުކާރުން މިދިޔަ އޭޕްރީލްމަހު ސޮލޮމޮން އައިލެންޑްސްއާއެކު ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކޮށް، ސަރަހައްދީ އިގުތިސާދީ ޖަމާއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނިކޮށް އެޅި ފިޔަވަޅެކެވެ.
ޕެސިފިކް ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަށްވެސް ސަރަހައްދު ދަނީ ތައްޔާރު ވަމުންނެވެ. އޮސްޓްރޭލިއާއިން ވަނީ އޮސްޓްރޭލިއާ ޕެސިފިކް ޑިފެންސް ސްކޫލއް ބިނާ ކުރުމަށް 5.6 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. އަދި އިތުރު އެހީއެއްގެ ގޮތުގައި ސަރަހައްދަށް 525 މިލިއަން ޑޮލަރު ދޭނެ ވެސް ވައުދުވެފަ އެވެ.
ސޫވާގައި އޮންނަ ބައްދަލުވުމުގައި އެމެރިކާއިން ކިރިބަތީއާއި ޓޮންގާގައި އާ އެމްބަސީތައް ޤާއިމުކުރުމަށް އިއުލާން ކުރުންވެސް ހިމެނެއެވެ. އަދި ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމަށް އެހީވުމަށް 900 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރުމާއި، ޕެސިފިކް އައިލެންޑްސް ފޯރަމަށް އެމެރިކާއިން ފުރަތަމަ މަންދޫބު ޢައްޔަންކުރުމާއި، ސުވާގައި ޔޫއެސްއެއިޑް އޭޖެންސީގެ އޮފީހެއް ޤާއިމުކުރުމާއި، ބްލޫ ޕެސިފިކް ނެޓްވޯކްގެ ޕާޓްނަރުން މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެއްބާރުލުން ތަންފީޒުކުރުމަށް ރާވާފައިވާކަން އިއުލާން ކުރާނެއެވެ.