ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ، އެނާގެ ސަރުކާރު ވައްޓާލައި ގުޅިފައިވާ ޕާޓީތަކުންވެރިކަމަށް އައީ އިންފްލޭޝަން ދަށްކުރުމަށް ނޫން ކަމަށާއި، އެ ޕާޓީތަކުން ވެރިކަމަށް އައީ އެޕާޓީތަކުގެ ލީޑަރުންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް މަތިޖެހުމަށް ކަމަށެވެ.

ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ އާންމު އެއްވުމެއްގައި ތަގުރީރު ކުރައްވަމުން އިމްރާން ޚާން ވިދާޅުވީ، ވެރިކަން ކުރަން އަރާ ތިބި "ވައްކަން ކުރާ" މީހުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އެނޫން ގތަކަށް މިވާހަކަ ބަދަލު ނުކުރެވޭނެ ކަމަށެވެ.

އެ ކި ޕްރޮވިންސްތަކުގައި ކުރިއަށް އޮތް ބައި-އިލެކްޝަންތަކަކީ "ހަގީގީ މިނިވަންކަމަށް ކުރާ ހަނގުރާމައެއް" ކަމަށް އިޢްލާން ކުރައްވަމުން އިމްރާން ޚާން ވަނީ، އޮޅުވާލައިގެން މީހުންނަށް ނުބައި ސޫރައެއް ދައްކާފައިވާ ވަގުންނާ ދެކޮޅަށް ރައްޔިތުން އޭނާއަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޚާން ވިދާޅުވީ މިއީ އެމެރިކާގެ ނުފޫޒުން މިނިވަން ކުރުމަށާއި އަދި ގައުމުގައި ވައްކަން ކުރާ މީހުންނާ ދެކޮޅަށް ކުރާ "ޖިހާދެއް" ކަމަށެވެ. އަދި މަކަރު ހެދުމާއި އޮޅުވާލުމުގެ ރޭވުންތައް ނާކާމިޔާބު ކޮށްލުމަކީވެސް އެއީ "ޖިހާދެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޓީއައިގެ ލީޑަރު ވަނީ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކުން ފާއިތުވި 30 އަހަރުގެ ތެރޭގައި ގައުމީ ތަރިކަތަކާއި ގައުމުގެ މުއްސަނދިކަން ފޭރިގެން ދިޔަ ކަމަށް ތުހުމަތު ކުރައްވައި، އެ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަތާ މިހާރު 26 އަހަރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ވެރިކަން ކުރާ ފަރާތްތަކަށ ތުހުމަތު ކުރައްވައި އިމްރާން ޚާން ވިދާޅުވީ އޭނާ ޖަލަށް ލުމަށް އިންޒާރުތައް ދެމުންދާ ކަމަށެވެ.

އިމްރާން ޚާން ވަނީ ކޮންމެ އަގެއް ދައްކައިގެން ވެސް އެމެރިކާގެ އަޅުވެތިކަން ބަލައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ޝާހްބާޒް ޝަރީފްގެ ސަރުކާރަށް ފާޑުވިދާޅުވަމުން، އެނާ ވިދާޅުވީ ވެރިކަން ކުރަނީ އެމެރިކާގެ ގޮނޑިކޮއްކޮއެއް ކަމަށެވެ. އަދި ޝެހްބާޒް ޝަރީފަކީ "ވައްކަން ކުރާ" ބޭފުޅެއް ކަމަށާއި އޭނާގެ ދަރިކަލުން ހަމްޒާ ޝެހްބާޒްއަކީ ގާނޫނުއަސާސީއާ ހިލާފަށް ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރުކަން ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.

މަގާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު އިމްރާން ޚާންގެ ތަގުރީރުގައި ޕީޕީޕީއާއި އެ ޕާޓީގެ ކޯޗެއާމަން އާސިފް އަލީ ޒަރްދާރީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޒަރްދާރީ އާއި އޭނާގެ އެހީތެރިން ސިންދުގެ ފައިސާ ގައުމުން ބޭރަށް ފޮނުއްވަމުން ގެންދެވިއެވެ.