މޫސުމީ ކާރިސާގެ ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހޭނީ މުއްސަދި ގައުމުތަކުން ކަމަށާއި އެގައުމުތަކުގެ ސަބަބުން އިގުތިސާދީ ގޮތުން ލިބޭ ގެއްލުންތަކާ ބެހޭ އަދަދު ޑޮލަރުން މިހާބު ހިސާބު ކޮށްފައިވާ ކަމަށް އައު ދިރާސާއެއްގައި ބުނެފިއެވެ.

ޑާރޓްމައުތް ކޮލެޖުގައި ކޮށްފައިވާ ދިރާސާއިން ދައްކާގޮތުގައި ދުނިޔެ ހޫނުކުރާ ވިހަ ގޭސްތައް އެންމެ ގިނައިން ޖައްވަށް ބޭރުކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، ޗައިނާ، ރަޝިޔާ، އިންޑިއާ އަދި ބްރެޒިލް ފަދަ ޤައުމުތަކެވެ.

ސީއެންއިން މި ދިރާސާ ރިޕޯޓް ކުރަމުން ބުނެފައި ވަނީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން 1990 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ގައުމުތަކަށް ޖުމުލަ އުފެއްދުމުގެ ތެރޭން 6 ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށެވެ.

މި ދިރާސާއިން ދައްކާގޮތުގައި އެމެރިކާއާއި ޗައިނާއަކީ މޫސުމީ ކާރިސާގައި އެންމެ ބޮޑު ޒިންމާއެއް އަދާ ކުރަން ޖެހޭ ދެ ޤައުމެވެ.

މި ދިރާސާގެ މުސައްނިފުން ވިދާޅުވާ ގޮތުގައި މިއީ ފޮސިލް ފިއުލް ބޭރުކުރާ މިންވަރާ އެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ގުޅުވައި ސައިންސްވެރިން އެކަމާ ގުޅޭ ގޮތުން ހަދާފައިވާ އިގުތިސާދީ ގެއްލުންތަކާ ގުޅޭ ފުރަތަމަ ދިރާސާ ކަމަށް ސީއެންއެންއިން ބުނެއެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން އިގްތިސާދީ ގޮތުން ކުރާނެ އަސަރުތަކާ މެދު ވަރަށް ރަނގަޅު ވިސްނުމެއް ބައްޓަން ކުރެވިފައިވާ ކަމަށް ޑާރޓްމައުތް ކޮލެޖުގެ ޕީއެޗްޑީ ކެންޑިޑޭޓް އަދި މި ދިރާސާގެ ކޯ-ރައިޓަރ ކްރިސްޓޮފަރ ކެލަހާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާ ދިރާސާގެ ސަބަބުން ވަކި ވަކި ގައުމުގެ ހިއްސާ އަކީ ކޮބައިކަން ދައްކުވައިދޭ ކަމަށެވެ.

އެމެރިކާގެ ކްލައިމެޓް އެންވޯއީ ޖޯން ކެރީގެ އޮފީހުން މި ދިރާސާއާ ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ސީއެންއެން އިން ވަނީ ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެންވަޔަރަންމަންޓްގެ ބަހެއް ހޯދުމަށް އެ މިނިސްޓްރީއަށްވެސް ގުޅައިފައެވެ.

މި ދިރާސާއަކީ މި އަހަރުގެ ފަހުކޮޅު މިސްރުގައި ބާއްވާ އދ.ގެ މޫސުމާ ބެހޭ ކޮޕް27 ސަމިޓްގެ ކުރިންނާއި އަދި އެ ސަމިޓްގެ ތެރެއިން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ހާމަ ކުރާނެ ދިރާސާއެކެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކަށް ހޭނުމަށާއި ފޮސިލް ފިއުލް އިން ދުރުވެ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ ފައިސާ އާ ބެހޭ ގޮތުން އެކަށީގެންވާ ގަރާރެއް، ނުނެރެވި މީގެ ކުރިން ބޭއްވި ސަމިޓްތަކުގައި ވަނީ ކަންކަން މައްސުނިވެގެން ގޮސްފައެވެ. އެއަށް ވުރެ ބޮޑަށް ބައިވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ މޫސުމީ ކާރިސާއިން ގެއްލުން އެންމެ ބޮޑަށް ލިބުނު ގައުމުތަކަށް ފައިސާ ދިނުމުގެ މައްސަލާގައެވެ.

މި ދިރާސާގެ ލިޔުންތެރިންނާއި ބޭރުން ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި އަދަދުތަކާ މެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުންނެވެ. ކޮޕް27 ގައި ނޮވެމްބަރު މަހު އޮންނަ މަޝްވަރާތަކުގައި ބަދަލު ދިނުމާއި އަދި ކްލައިމެޓް ފައިނޭންސްގެ ބަހުސް ބޮޑު ވެގެންދާނެ ކަމަށް ބެލެވެއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މޮންސޫންގެ ނުރައްކާތެރި ވިއްސާރައާ ކުރިމަތިލާންޖެހިފައިވާ ނާޒުކު ޖަޒީރާ ޤައުމުތަކުގެ އަޑު މިފަހަކަށް އައިސް ވަނީ ގަދަވެފައެވެ.