ޕެސިފިކް އައިލެންޑްސް ފޯރަމްގެ ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވާޗުއަލް ތަގުރީރެއް ދެއްވަމުން ގެންދެވި އިރު، އެ ސަމިޓްގައި ތިއްބެވި ފިޖީގައި ހުންނަ ޗައިނާގެ އެމްބަސީގައި މަސައްކަތް ކުރައްވާ ދިފާއީ ދެ އެޓާޗޭއެއް ފިޖީގެ ފުލުހުން ވަނީ އެ ތަނުން ބޭރުކޮށްފަ އެވެ.
މީޑިއާގެ ފަރާތްތަކުން ބުނާ ގޮތުގައި އެމީހުން ތިބީ މީޑިއާ ކޮންޓިންޖެންޓާއެކު އިށީނދެގެން މީޑިއާ މީހުން ތިބޭ ތަނުގައެވެ. މިމީހުންނަށް ޝައްކު ކުރެވުނު ގޮތަކީ، ޔޫކޭ ގާޑިއަން ނޫހަށް ފޯރަމް ކަވަރު ކުރަމުން ދިޔަ ފިޖީގެ ނޫސްވެރިއާ ލިސީ މޮވޯނޯ ބުނާ ގޮތުން އެއިން އެކަކީ ޗައިނާ އެމްބަސީގެ އޮފިޝަލެއް ގެ ގޮތުގައި ނޫސްވެރިންނަށް ކުރިން ފާހަގަ ކުރެވިފައިވާ މީހަކަށް ވުމުންނެވެ.
މޮވޯނޯ ބުނީ އެ ޗައިނާ މަސްއޫލުވެރިޔާއާއެކު އޭނާ ތިން ފަހަރެއްގެ މަތިން މުއާމަލާތް ކޮށްފައިވާނެ ކަމަށާއި މިދިޔަ މަހު ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ ސޫވާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިން ހޯލުން ދުރަށް ލައި، އެމީހުންނަށް ސުވާލުތައް ކުރުމަށް ހުރަސް އަޅާފައިވާ މީހެއްކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެން ނޫސްވެރިއަކު ވެސް ވަނީ އެމީހާ ނޫސްވެރިންނަށް ހުރަސް އެޅިކަން ކަށަވަރު ކޮށްދީފައެވެ.
ނޫސްވެރިން ވަނީ އެމީހާ ގާތަށް ގޮސް "މިތަނަށް ތިއައީ ޗައިނާ އެމްބަސީގެ އޮފިޝަލެއްގެ ހައިސިއްޔަތުންތޯ ނޫނީ [ޗައިނާގެ ނިއުސް އެޖެންސީ] ޒިންހުއާ މީހެއްގެ ގޮތުގައި ތޯ ސުއާލުކޯށްފައެވެ. އަދި މީޑިއާގެ ޖާގަހައިގައި ތިބީ ކީއްވެގެންތޯވެސް ސުއާލުކޯށްފައެވެ.
އެމީހާ ވަނީ އިނގިރެސި ނުދަންނަ ކަމަށް ހެދިގެން ޗައިނާ ބަހުން ހަޅޭއްލަވާފައެވެ.
މޮވޯނޯއާއި ބައިވެރިން ފިޖީގެ ޕްރޮޓޮކޯލް އޮފިސަރުންގެ ސަމާލުކަމަށް އެމީހުންގެ މައްސަލަ ގެނައުމުން ފިޖީގެ ފުލުހުން ގެނަސްގެން އެ ދެމީޙުން އެތަނުން ބޭރަށް ގެންދިޔައީއެވެ. މިކަމާ ގުޅިގެން ޗައިނާ އެމްބަސީން މީޑިއާގެ ސުވާލުތަކަށް ޖަވާބެއް ނުދެއެވެ.
ޑިޕްލޮމެޓިކް މަސްދަރުތަކުން ފަހުން ކަށަވަރުކޮށްދިން ގޮތުގައި މި ދެ މީހުންނަކީ ޗައިނާގެ ޑިފެންސް އެޓާޗޭއަކާއި ޑެޕިއުޓީ ޑިފެންސް އެޓާޗޭއެކެވެ. އަދި މިމީހުން މަސައްކަތް ކުރަނީ ފިޖީގައި ހުންނަ އެމްބަސީގެ ބައެކެވެ.