ޗައިނާގެ ޔަންގްޒީ ކޯރުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބާރުގަދަ ހީޓްވޭވްތަކެއް އަރަން ފަށާފައި ވެއެވެ. ޔަންގްޒީ ކޯރުގެ އައްސޭރިފަށުގެ އެކި ހިސާބުތަކުގައި 90 އަށް ވުރެން ގިނަ ރެޑް އެލާޓް ނެރެފައި ވެއެވެ.
މިއީ ގާތްގަނޑަކަށް ކޯރުގެ އައްސޭރިފަށުގައި މީހުން ދިރިއުޅޭ 2،000 ކިލޯމީޓަރު (1،200 މޭލު) ގެ ދިގު މިނުގެ ސަރަހައްދެއްގައި ނެރެފައިވާ އެލާޓްތަކެވެ.
ޗައިނާގެ ވިޔަފާރި ވެރިރަށް ޝަންހާއީވެސް ހޫނުކަމުގެ ސަބަބުން ހަތަރު ދުވަހުގެ ތެރޭގައި ދެ ރެޑް އެލާޓް ނެރެފައިވެއެވެ. ޝެންހާއީގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. މިއީ އެވަރެޖް ހޫނު ދުވަހެއްގައި ލީބިޔާފަދަ ހަނަފަސް ތަނެއްގައި ހޫނު މިން ހުންނަ ވަރެވެ.
އެ ސިޓީގެ 25 މިލިއަން މީހުންގެ އާބާދީގައި ނެރުނު ރެޑް އެލާޓްގެ ދަށުން ކޮންސްޓްރަކްޝަން މަސައްކަތާއި އެހެނިހެން އައުޓްޑޯ ހަރަކާތްތައް މަދުކުރުން ނުވަތަ ހުއްޓުމަށް އަންގާފައި ވެއެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.
ކައިރީގައި އޮންނަ 9 މިލިއަނަށްވުރެ ގިނަ މީހުންގެ ސިޓީއެއް ކަމަށްވާ ނާންޖިންގައި، ދުވަހަކުވެސް މީގެ ކުރިން ހޫނުވެފައި ނުވާ މިންވަރަށް ހޫނުމިން މައްޗަށް ގޮސްފައިވާ ކަމަށް އުމުރުން 77 އަހަރުގެ ރައްޔިތަކު ބުންޏެވެ.
ޝަންހާއީގެ ދެކުނުގައި އޮންނަ ޒީޖިއާންގް ޕްރޮވިންސުންވެސް އެއް ދުވަސް ތެރޭ ރެކޯޑް އަދަދަކަށް 51 ރެޑް އެލާޓް ނެރެފައިވެއެވެ. މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހީޓްސްޓްރޯކް ޖެހިގެން ހޮސްޕިޓަލްތަކުގައި މީހުން އެޑްމިޓްކޮށްފައި ވެއެވެ.
ފާއިތުވެދިޔަ 30 ދުވަހަކީ، ޗައިނާއަށް ހޫނު ގަދަ ދުވަސްވަރެއްކަމަށް ޗައިނާގެ މޫސުން ބަލަހައްޓާ ފަރާތްތަކުން ބުނެއެވެ. އެއަރކޮންޑިޝަނަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ހަތް ޕްރޮވިންސެއްގެ ކަރަންޓް ވިއުގަތަކަށް ލޯޑް ބޮޑުވެ، ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުން ކުރުން އިތުރު ވެފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.
ވައިބޯ ޕްލެޓްފޯމްގައި #heatstroke 2.45 މިލިއަން ވިއުސް އާއެކު ޓްރެންޑްވަމުން ގޮސްފައި ވެއެވެ.
ޗައިނާގެ ހުޅަނގު ދެކުނު ސިޗުއާން ޕްރޮވިންސްގެ ވެރިރަށް ޗެންގްޑޫގައި މި ހަފްތާގައި ޝެޑިއުލްކޮށްފައިވާ ކަރަންޓް ކެނޑުމާއި ކަރަންޓް ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ހޫނު މޫސުމާ ދިމާކޮށް ކުރުމަށް ރާވާފައިވާތީ، ސޯޝަލް މީޑިއާގައި އެ ޕްރޮވިންސްގެ 21 މިލިއަން މީހުން އިޖުތިޖާޖު ކޮށްފައި ވެއެވެ.
ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޔަންޖިން ސިޓީގައި ވެސް ހޯމަ ދުވަހު ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މިއީ 1959 ވަނަ އަހަރު ރެކޯޑް ބަލަހައްޓަން ފެށި ފަހުން އެންމެ މައްޗަށް ދިޔަ ދުވަސްކަމަށް ދައުލަތުގެ ޓީވީން ބުންޏެވެ.
ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ 1.4 ބިލިއަން މީހުންގެ ތެރެއިން 900 މިލިއަނަށްވުރެ ގިނަ މީހުންނަށް އިންތިހާއަށް ހޫނާ ކުރިމަތި ލުމުގެ ހާދިސާތަކުގެ އަސަރުކޮށްފައިވާކަމަށާއި، 5 މިލިއަން އަކަ ކިލޯމީޓަރު ނުވަތަ ޗައިނާގެ ދެބައިކުޅަ އެއްބައި ސަރަޙައްދަށް މިއަސަރުކޮށްފައިވާ ކަމަށް ނޭޝަނަލް ކްލައިމެޓް ސެންޓަރުން ބުންޏެވެ.