ސްރީލަންކާގެ ރައީސް ގޯޓާބެ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ، ޕާލަމެންޓްގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދަނައަށް މިއަދު ހަވީރު އީމެއިލް ކުރައްވައިފިއެވެ.
ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ފުޅު ލިބިވަޑައިގެންނެވިކަން ސްރީލަންކާގެ ސްޕީކަރގެ މީޑިއާ އޮފީހުން ކަށަވަރުކޮށްދީފައި ވެއެވެ. ނަމަވެސް، އެ ސިޓީފުޅުގެ ގާނޫނީ ސައްހަކަން ކަށަވަރުވުމުން ރަސްމީ އިއުލާނެއް ކުރައްވާނެ ކަމަށް ސްރީލަންކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ރަސްމީ އިއުލާން ކުރުން ލަސްވަނީ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދަނާ އެ ސިޓީގެ ސައްހަކަން ކަށަވަރު ކުރަން ބޭނުންވާތީ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އަތްޕުޅުން އެ ސިޓީފުޅުގެ ހާޑް ކޮޕީ ހޯދުމަށް ސިންގަޕޫރުގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނަށް ވަނީ އަންގާފައެވެ.
އަދި އެ މައްސަލަ އެޓާނީ ޖެނެރަލްގެ ޑިޕާޓްމެންޓަށް ފޮނުއްވައި ގާނޫނީ ލަފާ ހޯއްދަވަން ޖެހޭ ކަމަށް ވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ރާޖަޕަކްސަގެ އިސްތިއުފާގެ އަސްލު ސިޓީ ވީ އެންމެ އަވަހަކަށް ސިންގަޕޫރުން ކޮލަމްބޯއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.