ސްރީލަންކާގެ ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސައާއި ކުރީގެ މާލީ ވަޒީރު ބެސިލް ރާޖަޕަކްސަ ސްރީލަންކާއިން ބޭރުވުން ސުޕްރީމް ކޯޓުގެ އަމުރަކުން މަނާ ކޮށްފިއެވެ.
ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ އިންޒާރު ކުރައްވާ ގޮތުން ގައުމުގައި ހަމަޖެހޭ ސަރުކާރެއް އަވަހަށް އެކުލަވާނުލައިފިނަމަ ގައުމު ބަނގުރޫޓުވާނެ އެވެ. ބީބީސީގެ ނިއުސްނައިޓް ޕްރޮގްރާމްގައި އޭނާ ވިދާޅުވީ، ޒަރޫރީ ތެލުގެ ބާވަތްތަކަށް ފައިސާ ދެއްކުމަށް އެކަށީގެންވާ ވަރަށް ބޭރު ފައިސާ ލިބޭނެ ކަމާމެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ވެއެވެ.
ބައިނަލްއަގުވާމީ ބެއިލްއައުޓް ޕެކޭޖެއް ލިބޭނީވެސް ހަމަޖެހޭ ސަރުކާރެއް އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިގުތިސޯދީ ކާރިސާއަކާ ގުޅިގެން ސްރީލަންކާ ވަނީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ.
ހަވަރު އެއްވެގެން ސްރީލަންކާގެ ރިއާސީ ގަނޑުވަރާއި ސަރުކާރުގެ މުހިންމު ތަންތަން ވަނީ ހިފާފައެވެ. އަދި ހަވަރުން ސްރީލަންކާގެ ރައީސްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ދިވެހިރާއްޖެއިން މަސައްކަތް ކޮށްދީ އެގައުމު އިތުރު ހުތުރު ނަމަކުން ސަލާމަތް ކޮށްދީފައި ވެއެވެ.
ރައީސް ގޯޓާބޭ ރާޖަޕަކްސަ ގައުމުން ބޭރަށް ވަޑައިގެންނެވުމުން ވަގުތީ ގޮތުން ރައީސްކަމާ ރަނިލް ވިކްރަމަސިންހަ ވަނީ ޙަވާލު ވެވަޑައިގެންފައެވެ. އަދި ތަންތަން ލޫޓޫވުމާ ދެކޮޅަށް ވަގުތީ ރައީސް ވަނީ ކާފިއު އިއުލާން ކުރައްވާފައެވެ.