ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

ހުކުރު ދުވަހުގެރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020 ގެ ގްރޭންޑް ފިނާލޭ ހަފްލާގައި ރާއްޖެ މި އެވޯޑް ހޯދީ ރާއްޖޭގެ ދުބާއީ، މެލޭޝިޔާ، ސްޕެއިން، މޮރިޝިއަސް އަދި ސްރީލަންކާއާ ވާދަކޮށެވެ.

މި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑް ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެއެވެ.

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިފަދަ ބޮޑު ކާމިޔާބީއެއް ރާއްޖެއަށް ލިބިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންނާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކާއި، އެމްއެމްޕީއާރްސީ އާއި ގުޅިގެން ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ޓުއަރިސްޓުންނަށް ހިދުމަތްދޭ ތަންތަނަށް ވަނީ ބައެއް އެވޯޑްތައް ކާމިޔާބުކޮށްފައެވެ.މި އެވޯޑްތައް ލިބިފައިވަނީ:

-ވޯލްޑްސް ލީޑިން ނިއު ރިސޯޓް 2020: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ

ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2020: ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް

ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް 2020: ބަރޮސް މޯލްޑިވްސް

ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2020: ޖޭއޭ މަނަފަރު

ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2020: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ

ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2020: ޓްރާންސް މޯލްޑިވިއަން އެއާވޭސް

ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2020: ހުޅުލެ އައިލެންޑް ހޮޓެލް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހި ހުއްޓުމަކަށް އައިސްފައެވެ. އެހެންކަމުން ފަތުރުވެރިކަމުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ކުރަމުން އައި މަސައްކަތްތައް "ވިޒިޓް މޯލްޑިވްސް" އިން ޑިޖިޓަލް ޕްލެޓްފޯމަތަކަށް ބަދަލުކުރިއެވެ.