ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ކުރުމާ ގުޅިގެން ކުރީގެ ނޭޝަނަލް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރގެ ނިންމުމާ ދެކޮޅަށް ސުޕްރީމް ކޯޓުން ކުރި ޙުކުމްގެ ތަފްސީލީ ޙުކުމް ހާމަ ކުރުމާ ގުޅިގެން ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ލީޑަރު ފަވާދު ޗައުދަރީ ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަކީ އެއީ 'ސިޔާސީ ނިންމުމެއް' ކަމަށެވެ. އަދި ސުޕްރީމް ކޯޓު އާދަޔާ ޚިލާފު ބޮޑު ކޮށް ސިޔާސީ ނިންމުންތައް މިހާރު ނިންމާ ކަމަށެވެ.
އަނެއްކޮޅުން، މިހާރުގެ ސަރުކާރުގެ ދާޚިލީ ވަޒީރު ރާނާ ސަނާއުالله ވަނީ، ގާނޫނ އަސާސީއަށް ޣައްދާރު ވުމުގެ ތުހުމަތުގައި އަދި ދައުލަތުގެ ޙުރުމަތް ކަނޑާލުމުގެ ކުށުގައި ގާނޫނު އަސާސީގެ 6 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އިޢްލާން ކުރައްވާފައެވެ.
ބުރާސްފަތި ދުވަހު ލާހޯރުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ކުރީގެ ވަޒީރު ޗައުދަރީ ވިދާޅުވީ، އިމްރާން ޚާންގެ ކުރީގެ ސަރުކާރުގެ ވައްޓާލުމުގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވޭ އެމެރިކާގައި ހުންނަ ޕާކިސްތާނު އެމްބަސީގެ ލިޔުންތަކަށް ނުބެލުމަކީ ސުޕްރީމް ކޯޓުން އަމިއްލައަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އޭނާ އެދިވަޑައިގަތީ އެ ޑޮކިއުމެންޓްތަކާ ގުޅޭ ހުރިހާ ކަމެއް ތަހުގީގުކޮށް، ޕީޓީއައި ސަރުކާރު ވައްޓާލުމަށް ކޮށްފައިވާ މަސައްކަތާ ބެހޭ ކަންކަން ހޯދުމަށް ކޮމިޝަނެއް އެކުލަވާލުމަށެވެ.