އިބްތިހާލް މަރާލި މައްސަލަައިގައި ދައުވާ އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ އާދީއްތަ ދުވަހު މެންދުރު 14:00 އަށެވެ.

ޙުކުމުގެ މަރުޙަލާއަށް ގޮސްފައިވާ މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ދައުލަތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، ދައުލަތުން ވަނީ މި މައްސަލައިގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްފައެވެ. އަދި ޤާނޫނޫލް އުޤޫބާތުގެ 1205 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ހައްދު ތަންފީޒު ކުރުމަށް ބަލާ މިންގަނޑުގައިވެސް ހެކި އެބަހުރި ކަމަށާއި، ވީމާ އާފިޔާއަށް އެ ޤާނޫނުތަކުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ޤަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިޙާލުގެ ފުރާނަ ގޮސްފައިވާތީ ކަމަށާއި، އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އެކި ފަހަރުމަތިން އިބްތިޙާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ ޢަމަލުކޮށްފައިވާތީ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.