ޗައިނާގެ ލީޑަރު ޝީ ޖިންޕިން 2014 ވަނަ އަހަރު ޔޫރަޕަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް ފަހު ޔޫރަޕްގެ ގިނަ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ އާ ޒަމާނެއް ފެށްޓެވިއެވެ. އޭގެ އަށް އަހަރު ފަހުން، މިހާރު އެ ޒަމާން ވަނީ މާޒީވެ ގޮސް އުންމީދުތައް ވަނީ އޮޔާ ގޮސްފައެވެ.
ޗައިނާގެ އިންސާނީ ހައްގުތަކުގެ ރެކޯޑާ މެދު ޔޫރަޕުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެމެރިކާއާއި ޗައިނާއާ ދެމެދު ވަނީ ނުތަވަސް ގުޅުމެކެވެ. ޔޫކްރެއިންގައި ރަޝިއާ ގައި ފަށާފައިވާ ހަނގުރާމައިގައި ޗައިނާއާ ޔޫރަޕްގެ ޚިޔާލު އެއް ގޮތެއް ނޫނެވެ. މިހުރިހައި ކަމެއްގެ ސަބަބުން ޔޫރަޕް ޗައިނާ ގުޅުން ކިލަނބުވެފައި ވެއެވެ.
މިދިޔަ މަހު ޔޫރަޕްގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި ދެ ސަމިޓެއްގައި ވެސް ޗައިނާގެ ގުޅުމާ ބެހޭ ގޮތުން ފާހަގަކުރެވުނެވެ. ގްރޫޕް އޮފް ސެވަންގެ ސިނާއީ ހަތް ގައުމުގެ ކުރިއަރާފައިވާ އިގުތިސާދުތަކާއި ނޭޓޯއިން ވެސް ޗައިނާއާ މެދު އެ ގައުމުތަކުން ގެންގުޅޭ ސިޔާސަތު ހަރުކަށިކުރީ، ވޮޝިންޓަންއާ އެއް ހަމައެއްގައި ސިޔާސަތު ގެންގުޅޭ ކަމުގެ ނިޝާނެއްގެ ގޮތުގައެވެ.
މިހެން ދިމާވެފައި ވަނީ ޗައިނާއިން ބައެއް ފަހަރަށް ޔޫރަޕް ފަހަތަށް ޖައްސާލުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. ޗައިނާއިން ޔޫރަޕާއެކު ބަދަހި ގުޅުމެއް ބާއްވަމުން ދިޔައީ އެމެރިކާއާ ވާދަކޮށް އެމެރކާގެ ބަދަލެއްހެ ގޮތުގައި ޗައިނާ ދެއްކުމުގެ ގޮތުގައެވެ.
ވާދަވެރި ވިސްނުން ދޫކޮށްލައި، ދުނިޔޭގެ ސުލްހަ ދަމަހައްޓައި، ބައިނަލްއަގުވާމީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިދޭ ބޮޑު ދެ ބާރުގެ ގޮތުގައި ޗައިނާ އާއި އީޔޫ މަސައްކަތް ކުރަން ޖެހޭ ކަމަށް ޗައިނާގެ ރައީސް މިދިޔަ އޭޕްރީލް މަހު ބޭއްވި ސަމިޓެއްގައި އީޔޫގެ ލީޑަރުންނާ މުހާތަބު ކުރައްވައި ޗައިނާގެ ރައީސް ޝީ ވިދާޅުވި އެވެ.
ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ބޭނުން ވަނީ ޔުކްރެއިންގައި ސުލްޙައިގެ ބާރެއްގެ ގޮތުގައި ޗައިނާ މަސައްކަތް ކޮށް ދިނުމަށެވެ. އީޔޫގެ ޚާރިޖީ ގުޅުމުގެ އިސް މަސްއޫލުވެރިއާ ޖޯސެފް ބޮރެލް ވިދާޅުވީ މަޝްވަރާ އާއި ވާހަކަ ދެއްކުން ނޫން ހުރިހައި ކަމެއް ފެނިގެން ދިޔަ ކަމަށެވެ.
ބެއިޖިންއިން ވަނީ ޔޫރަޕްގައި އެ ގައުމުގެ ގުޅުންތައް ވަރަށް ފަރުވާތެރިކަމާއެކު ވިލަރެސް ކޮށްފައެވެ. ޗައިނާއިން ވަނީ މެދު އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކާއެކު ހާއްސަ އަހަރީ ސަމިޓެއް ވެސް ފަށާފައެވެ. އަދި ޗައިނާގެ ބެލްޓް އެންޑް ރޯޑް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވްއަށް ބޭނުންވާ ތާއީދުވެސް ޔޫރަޕުން ދިޔައީ ހޯދަމުންނެވެ. ޖީ7ގެ ގައުމުތަކުގެ ތެރޭން 2019 ވަނަ އަހަރު ބެންޓް އެންޑް ރޯޑް ޕްރޮޖެކްޓަށް ޗައިނާއިން އިޓަލީގެ ތާއީދު ހޯދިއެވެ.
ޗައިނާއާ ގުޅިގެން ޔޫރަޕުން ގުޅުން ބަދަހިކޮށްފިނަމަ ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އެމެރިކާއިން ކަންބޮޑުވާ ކަމަށް ޔޫރަޕްގެ ކަންކޮޅުތަކިގައި ގުގުމައިގެން ދިޔައެވެ. އަދި ޔޫރަޕްގެ ގައުމުތަކުން ވެސް ތިބީ ޝީގެ ހާރިޖީ ސިޔާސަތު ބާރަގަދަކުރައްވަމުން ގެންދެވުމަށް ފާރަވެރި ވެފައެވެ. އަދި ޗައިނާއިން އެފްރިކާގައި ޖިބޫޓީގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް ޤާއިމުކުރުމާއި، ދެކުނު ޗައިނާ ކަނޑުގައި އަދި ޓައިވާނާ ދިމާއަށް ހަރުކަށިކަން ދައްކަމުން ދިއުމަށްވެސް ޔޫރަޕުން އޮތީ ބަލާށެވެ. އަދި ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާއި ޗައިނާއަށް ބަދު ބަސް ބުނާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައްވެސް ޔޫރަޕުން ދިޔައީ ބަލަމުންނެވެ.
ހަމަ އެއާއެކު ޗައިނާގެ ރެކޯޑް ދިޔައީ ހުތުރު ވަމުންނެވެ.
ޗައިނާގެ ހުޅަނގު އުތުރު ގެ ސަރަހައްދެއް ކަމަށްވާ ޝިންޖިއާންގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި ތުހުމަތުތަކެއް މެދުނ ނުކެނޑި ކުރެވެމުން ދިޔައެވެ. ހޮންގްކޮންގްގައި މަދަނީ މުޖުތަމައާއި މިނިވަންކަން ރޫޅާލުމުގެ ތުހުމަތުތައް ކުރެވުނެވެ. ތަހުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގއި މިއީ ޔޫރަޕްގެ ވިސްނުމަށް ބަދަލު ގެނައުމުގައި ދައުރެއް އަދާކުރި ކަންކަމެވެ.
ޗައިނާގެ އޮފިޝަލުން ވަނީ ޝިންޖިއާންގެ ކޭމްޕްތަކުގައި މިލިއަނަކަށް ވުރެ ގިނަ އުއިގުުރު މުސްލިމުން ހިފަހައްޓާފައެވެ. އަދި އެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އެގައުމުގެ ދާހިލީ ކަންކަމަށް "ނުފޫޒު ފޯރުވުން" ކަމަށް ޗައިނާއިން ބުނެއެވެ.
ޗައިނާއަކީ "ނިޒާމީ ވާދަވެރިއެއް" ކަމަށް 2019 ވަނަ އަހަރު ޔޫރަޕުން ކަނޑައަޅައި، އޭގެ ފަހުން ގުޅުންތައް ދެފަރާތުގެ ގުޅުން ވަނީ ހީނަރުވާން ފަށާފައެވެ.