ވޯލްޑް ޓްރެވަލްސް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބުމުން, ފަތުރުވެރި ކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރީންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.

ހޮނިހިރު ދުވަހު ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯލްޑް ޓްރެވަލްސް އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ފުރަތަމަ ފަހަރަށް ލިބުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި ކޮވިޑްގެ މިހާލަތުގައި މި އެވޯޑް ރާއްޖެއަށް ލިބުނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ މަސައްކަތުންކަން ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ މި އެވޯޑް ލިބުމުން ފަތުރުވެރި ކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސައްކަތްތެރީންނަށް މަރުހަބާ ދަންނަވާފައެވެ.

ހުކުރު ދުވަހުގެރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020 ގެ ގްރޭންޑް ފިނާލޭ ހަފްލާގައި ރާއްޖެ މި އެވޯޑް ހޯދީ ރާއްޖޭގެ ދުބާއީ، މެލޭޝިޔާ، ސްޕެއިން، މޮރިޝިއަސް އަދި ސްރީލަންކާއާ ވާދަކޮށެވެ.

މި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑް ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެއެވެ.

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިފަދަ ބޮޑު ކާމިޔާބީއެއް ރާއްޖެއަށް ލިބިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންނާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކާއި، އެމްއެމްޕީއާރްސީ އާއި ގުޅިގެން ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.