ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވެރިކަމުން ދުރުކުރިތާ ހަތަރު މަހަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޭއްވި އިންތިޚާބުގައި އޭނާގެ ޕާޓީން ވަނީ، ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ޕާކިސްތާންގެ އެންމެ އާބާދީ ބޮޑު ޕަންޖާބް ޕްރޮވިންސްގައި ބޭއްވި އިންތިޚާބުގައި އޭނާގެ ޕީޓީއައި އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ޚާންގެ ސިޔާސީ ޕާޓީ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީން އާދީއްތަ ދުވަހު ވަނީ ޕަންޖާބުގައި އެޕާޓީން ވާދަކުރި 20 ގޮނޑީގެ ތެރެއިން 15 ގޮނޑި ކާމިޔާބުކޮށްފައެވެ.

މި ޕްރޮވިންސަކީ ޕާކިސްތާނުގެ 200 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދިރިއުޅޭ ޕްރޮވިންސަކަށްވާއިރު، އެތައް އަހަރެއް ވަންދެން އެ ޕްރޮވިންސަކ މިދިޔަ އޭޕްރީލް މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އާއިލާގެ ސިޔާސީ ނުފޫޒުގަދަ ޕްރޮވިންސެކެވެ. އިތުބާރު ނެތްކަމުގެ ވޯޓުގައި އިމްރާން ޚާންގެ ސަރުކާރު ވެރިކަމުން ދުރުކޮށް، އައު ބޮޑު ވަޒީރަކަށް ވެވަޑައިގެންފައި ވަނީ ޝާހްބާޒް ޝަރީފެވެ.

އާދީއްތަ ދުވަހު ބޭއްވި އިންތިޚާބަކީ، ޝަރީފުގެ ސަރުކާރަށް ކުރިމަތިވި އިމްތިހާނެއްކަމަށް ގިނަ ޕާޓީތަކެއް އެކުލެވޭ ކޮއެލިޝަނުން ދެކެއެވެ.

މުހައްލިލުން ދކޭ ގޮތުގައި ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ތަހްރީކޭ އިންސާފު ޕާޓީން މީހުންގެ ތާއީދު ހޯދުމަށް މަސައްކަތް ކޮށްފައިވާ ތަން ފެނެއެވެ.

ޚާންގެ ކާމިޔާބީއާއެކު ވެރިކަންކުރާ ކޯލިޝަންގެ ސްޓްރެޓެޖީއާއި މެދު އަލުން ވިސްނަން ޖެހޭނެ ކަމަށާއި އަދި ކުރިއަށް އޮތް އާންމު އިންތިޚާބުގައި އިގްތިސާދީ ކަންކަމުގައި ރަނގަޅަށް ސަރުކާރުން ޕާފޯމް ކުރަން ޖެހޭނެ ކަމަށް މުހައްލިލުން ދެކެއެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި އެތައް ހާސް ބައެއްގެ ސަމާލުކަން ހޯދާފައިވާ ސިލްސިލާ އެއްވުންތަކެއްގައި ޚާން ވަނީ އެމެރިކާއާއި އެގައުމުގެ ބާރުގަދަ އަސްކަރީ މުވައްސަސާއިން އޭނާގެ ސަރުކާރު ވައްޓާލުމަށް ރޭވި ރޭވުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުންނާއި، ބޮޑު ވަޒީރު ޝަރީފާއި، ސިފައިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޚާން ވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅު އާންމު އިންތިޚާބު ބޭއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި ކުރިއަށް ދެވޭނެ ހަމައެކަނި ގޮތަކީ އިންސާފުވެރި މިނިވަން އިންތިޚާބެއް ބޭއްވުން ކަމަށް ޓްވިޓާގައި ވިދާޅުވި އެވެ. ނޫންނަމަ ސިޔާސީ ގޮތުން އިތުރު ނުތަނަވަސްކަމެއް އުފެދި، އިޤްތިޞާދީ ގޮތުން އިތުރު ހަމަނުޖެހުމެއް އުފެދިގެން ނޫނީ ނުދާނެ ކަމުގައި ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝެހްބާޒްގެ ސަރުކާރަށް ވަނީ ގައުމު ބަނގުރޫޓު ވިޔަ ނުދިނުމަށް އުދަގޫ އިގްތިސާދީ ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ.

ފާއިތުވި 14 އަހަރުގެ ތެރޭގައި ޕާކިސްތާންގެ އިންފްލޭޝަން މައްޗަށް ނުދާ ވަރަށް މަތިވެފައިވާ މި ދަނޑިވަޅުގައި، ޝަރީފް އަށް ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ހަ ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމަކަށް ދިއުމަށްޓަކައި ކަރަންޓުގެ އަގުތައް ބޮޑުކޮށް ތެލުގެ ސަބްސިޑީތައް ކަނޑާލާފަ އެވެ.

އައިއެމްއެފްއިން މީގެ ކުރިންވެސް ޕާކިސްތާނާއެކު މަސައްކަތް ކުރި ބެއިލްއައުޓް ޕްރޮގްރާމް 2019 ވަނަ އަހަރު ސަސްޕެންޑް ކުރީ ޕާކިސްތާނުން ހަކަތައިގެ ސަބްސިޑީ ކަނޑާލުން ފަދަ ލޯނުގެ ބައެއް ޝަރުތުތަކަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

ނަމަވެސް ޑިފޯލްޓްވިޔަ ނުދިނުމަށް އަޅާފައިވާ އިގުތިސޯދީ ފިޔަވަޅުތަކުގެ ސަބަބުން ވެރިކަންކުރާ ޕާޓީ، ޕާކިސްތާން މުސްލިމް ލީގް-ނަވާޒްއާ ދެކޮޅަށް އާންމުންގެ މެދުގައި ނުރުހުން ވަނީ އިތުރު ވެގެން ގޮސްފައެވެ.

ޕަންޖާބުގެ އިންތިޚާބުގައި ޚާން އަށް ލިބުނު ކާމިޔާބީގެ އެންމެ ބޮޑު އެއް އަސާސަކީ ވެސް އެއީ ކަން ސާބިތުވެފައިވާ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.