އިނގިރޭސި ވިލާތުގެ ކުޅުންތެރިޔެއް ކަމުގައިވާ މާކަސް ރަޝްފޯޑުގެ ސޮއި ޔަގީން ކުރަން, މެންޗެސްޓާ ޔުނައިޓެޑުން 90 މިލިއަން ޑޮލަރުގެ އަދަދަކާ ގާތްކުރާ ފީއަކަށް އެދޭ ކަމަށް ރިޕޯޓު ތަކުން ހާމަކޮށްފިއެވެ.
ރަޝްފޯޑުގެ އަގެއްގެ ގޮތުގައި 90 މިލިއަން ޑޮލަރުގެ ބޮޑު އަދަދެއް ކަނޑައެޅި ކަމުގައިވިއަސް އެ އަގަށް އޭނާ ގަންނަން ކްލަބުތަކުން ނުރުހޭނެ ކަން ޔުނައިޓެޑަށް ވެސް އެނގޭ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުން މި ސީޒަނުގައި ރަޝްފޯޑު ގަތުމަށް އެއްވެސް ކްލަބަކުން ބިޑު ކުރާނެ ކަމުގެ އުއްމީދެއް އެ ކްލަބުގެ ނެތް ކަމަށް ޔުނައިޓެޑުން ވަނީ މީޑިއާ އާ ހަވާލާދީ ބުނެފައެވެ.
ރަޝްފޯޑަށް ޔުނައިޓެޑުން އަގެއް ކަނޑައެޅި ކަމުގައިވިއަސް, އެ ކްލަބުން ރަޝްފޯޑު ވިއްކާލުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ރަޝްފޯޑަކީ ޔުނައިޓެޑުގެ އެކަޑަމީއިން ފުރަތަމަ ޓީމާ ގުޅުނު ކުޅުންތެރިޔަކަށް ވާތީ, އޭނާ ވިއްކާލައިގެން ޔުނައިޓެޑުގެ މާލީ ދަތިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ސަބަބަކީ އެކަޑަމީއިން ފުރަތަމަ ޓީމާ ގުޅޭ ކުޅުންތެރިން ވިއްކާލައިގެން ކްލަބަކަށް ލިބޭ ފައިސާގެ 100 އިންސައްތަ ވެގެންދާނީ, ޕްރިމިއާ ލީގުގެ ޕްރޮފިޓް އެންޑް ސަސްޓެއިނަބިލިޓީ ގަވާއިދުގެ ދަށުން ސާފު ފައިދާއަށެވެ.
27 އަހަރުގެ ރަޝްފޯޑުގެ ފަރާތުން މިދިޔަ ސީޒަނުގައި ތަފާތު ކުޅުމެއް ފެނިގެންދިޔަ ކަމުގައިވި ނަމަވެސް މި ސީޒަނުގައި އޭނާއަށް ވަނީ އެހާ އެދެވޭ ފަދަ ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ. އޭނާއަށް މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދެވުނީ އެންމެ އަށް ލަނޑެވެ. ރަޝްފޯޑުގެ ކުޅުމުގެ ފެންވަރު ދަށް ކަމުން އޭނާއަށް އަންނަނީ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ނުރުހުން ރައްދުވަމުންކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.